ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދަނީ އިންޓަނޭޝަނަލް ކާޑު އެސޯސިއޭޝަންތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޕޭމަންޓް ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ބަލަހައްޓަމުން ކަމަށް އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ދީފައިވާ މަޢުލޫމާތުގައި ވިދާޅުވެފައިވަނީ ވިސާ ތްރީޑީ ސެކުއާ، މާސްޓާ ކާޑު ސެކުއާކޯޑް އަދި އެމެރިކަން އެކްސްޕްރެސް ސޭފްކީ ފަދަ ބައިނަލްއަޤްވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދާ ކަމަށެވެ. އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުޢާމަލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރެވޭނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ބޭންކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާޗަންޓުންނާއި އީ-ކޮމާސް މާޗަންޓުންގެ ސިސްޓަމްތައް ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ކާޑުތަކުގެ ބައެއް މަޢުލޫމާތު ވަކި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައިވާ ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިއަން ކަސްޓަމަރުންނަށް މިފަދަ ހާލަތް ދިމާވަމުންދާ ކަމުގައި ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.
މިފަދަ ސަބަބުތަކަށްޓަކައި، ކާޑު އެސޯސިއޭޝަންތަކާ ގުޅިގެން ބޭންކުން އަބަދުވެސް އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެ މިފަދަ އަމަލެއް ހިނގަމުންދޭތޯ މޮނިޓާ ކުރަމުންނެވެ. ކާޑުގެ މަޢުލޫމާތުތައް ކޮމްޕްރޮމައިޒްވާ ކޮންމެ ހާދިސާއެއްގެ މައުލޫމާތު ކާޑު އެސޯސިއޭޝަންތަކުން ބޭންކަށް އަންގަމުންދާނެ ކަމަށާއި، މިފަދަ ހާލަތެއްގައި ބޭންކުން ކޮމްޕްރޮމައިޒްވި ކާޑުތައް ވަގުތުން ބްލޮކްކޮށް، ކަސްޓަމަރުންނަށް އައު ކާޑު ދޫކުރާނެ ކަމަށްވެސް ބީއެމްއެލްއިން މަޢުލޫމާތު ދީފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އިތުރަށް ވިދާޅުވެފައިވަނީ "ކަސްޓަމަރުން ޤަބޫލުނުކުރާ މުޢާމަލާތްތަކާއި މުދާ ނުވަތަ ޚިދުމަތް ލިބިފައިނުވާ މުޢާމަލާތްތަކަށް ބޭންކުގެ އުސޫލުތަކާއި ކާޑު އެސޯސިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޑިސްޕިއުޓް ކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބޭނެ" ކަމަށެވެ. އަދި "ކާޑުގެ މައުލޫމާތު ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައިވެސް، ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ އަދި އެއްވެސް މާލީ ގެއްލުމެއް ނުވާނެ" ކަމަށްވެސް ބީއެމްއެލްއިން ކަށަވަރުކޮށްދީފައިވެއެވެ.
ކޮމެންޓު ފޮނުވާ