"ހޯޕް އައިލޭންޑް" ޕްރޮޖެކްޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން އިޢުލާން ކޮށްފި

"ހޯޕް އައިލޭންޑް" ޕްރޮޖެކްޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން އިޢުލާން ކޮށްފި

Author
ހުސައިން
21 އޭޕްރިލް 2025 07:47
0

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހުކުރުމަށްޓަކައި އުތުރުތިލަފަޅުގައި ތަރައްޤީކުރަން ނިންމާފައިވާ "ހޯޕް އައިލޭންޑް" ޕްރޮޖެކްޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކައި، 700 މީހުންނަށް ދިރިއުޅެވޭގޮތަށް މަރުކަޒެއް ތަރައްޤީކުރެވޭނެއެވެ. މި މަރުކަޒުގައި ކުޑަކުދިން ބަންދުކުރާނެ ތަންތަނާއި، ދިރިއުޅޭނެ އިމާރާތްތަކާއި، ޕާކުތަކާއި، މިސްކިތަކާއި، ސިނަމާއެއް، ފުޓްބޯޅަ ދަނޑެއް އަދި ސްކޫލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މަޝްރޫޢާ ހަވާލުވާ ފަރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށްފަހު، 6 މަސްދުވަހުގެ ތެރޭގައި ފަޅު ހިއްކުމުގެ މަސައްކަތް ނިންމަންޖެހޭނެއެވެ. އަދި 7 މަސްދުވަހުގެ ތެރޭގައި ބިނާކުރުމުގެ މަސައްކަތް ފަށަންޖެހޭނެއެވެ. މުޅި ޕްރޮޖެކްޓް 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމައި، ސަރުކާރާ ހަވާލުކުރަންޖެހޭނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) އަންނަ އާދީއްތަ ދުވަހުގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިން ރިހެބިލިޓޭޓްކުރުމަށްފަހު، 18 އަހަރު ފުރުމުން ފުލުހުންގެ ނުވަތަ ސިފައިންގެ ޚިދުމަތުގައި މަސައްކަތްކުރަންޖެހޭ ގޮތަށް ހަމަޖެއްސޭނެކަމަށެވެ. އަދި މި ފެސިލިޓީގައި ކުދިން ބޭތިއްބި ނަމަވެސް، 18 އަހަރު ވަންދެން ގެންގުޅޭނީ އާއިލާއާއެކު ގުޅުން ބަދަހިކޮށްގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސްގެ މި ސިޔާސަތުގެ ދަށުން މިކަން ކުރެވިއްޖެނަމަ، ގޭންގުތަކާ ގުޅޭ ކުޑަކުދިންނާއި، މާރާމާރީގައި ބައިވެރިވާ ކުދިންނާއި، މަގުމަތީގައި އަޅާނުލެވި ތިބޭ ކުދިންގެ މައްސަލަ މުޅިން ހައްލުވާނެކަމަށް މިނިސްޓަރު އިޙްސާން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.