ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާންމުންނަށް ވަދެވޭ ގޮތަށް ވަޓްސްއެޕް ޗެނަލްއެއް ތަޢާރަފުކުރައްވައިފިއެވެ. މި ޗެނަލްގެ ޛަރީޢާއިން ރައްޔިތުންނަށް ސަރުކާރުގެ ކަންކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖައްސަވާފައިވާކަން އަންގަވައިފައިވެއެވެ.
ރައީސް މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި މި ޗެނަލް ހުޅުވިކަން އިޢުލާންކުރައްވައި، އެ ޗެނަލްއާ ގުޅުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައިވެއެވެ. މިހާތަނަށް މި ޗެނަލްއާ 1000 އަށްވުރެ ގިނަ މީހުން ގުޅިފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މި ޗެނަލް މެދުވެރިކޮށް ދުވަހުން ދުވަހަށް ސަރުކާރުގެ މުހިންމު އެކިއެކި މަޢުލޫމާތުތަކާއި އަޕްޑޭޓްތައް ލިބޭނެއެވެ.
އާންމުންނާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ރައީސް މުއިއްޒު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. މީގެ ތެރޭގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުޞަތު ދެއްވާފައިވާއިރު، ވީޑިއޯ މެދުވެރިކޮށް އެ ސުވާލުތަކަށް ޖަވާބު ދެއްވަމުންވެސް ގެންދަވައެވެ.
މީގެއިތުރުން، "ރައްޔިތުންނާ އެކު" ނަމުގައި ޚާއްޞަ ޕޮޑްކާސްޓެއް ރައީސް އޮފީހުން ގެނެސްދެމުން ގެންދެއެވެ. މި ޕޮޑްކާސްޓްގެ ޛަރީޢާއިން ސަރުކާރުގެ އެކިއެކި ކަންކަމާއި މަޝްރޫޢުތަކާބެހޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރެވެއެވެ.
ކޮމެންޓު ފޮނުވާ