އައިޔޫއެމްގެ އާ އިމާރާތަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

އައިޔޫއެމްގެ އާ އިމާރާތަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

Author
ހުސައިން
20 އޭޕްރިލް 2025 08:27
0

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ އާ އިމާރާތެއް ހެދުމަށް ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖައްސައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، އިސްލާމިކް ޔުނިވަރސިޓީގެ ކުރިމަގު ސަރުކާރުން ވަރަށް އިސްކަންދީގެން ބައްޓަން ކުރާނެ ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ގޮތަށް، އައިޔޫއެމް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް އިޝާރާތްކުރެއްވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 'ސަނާބިލް' އިމާރާތުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކޮށް، އެއީ ސަރުކާރުގެ ސިޔާސަތު އެގޮތަށް ބައްޓަންކޮށްފައި އޮތުމުން މަގުފަހިވެގެންދިޔަ ކަމެއް ކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢު ނުކުރެވި ދިގުލައިގެން ގޮސްފައިވާއިރު، މި މަޝްރޫޢާއެކު އައިޔޫއެމްއަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބޭނެކަން ރައީސް ދެކެވަޑައިގަންނަވައެވެ.

"އިރާދަކުރެއްވިއްޔާ ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖައްސައިދީ، އެ ތަނުގައި އިސްލާމީ ޔުނިވަރސިޓީގެ ކުރިމަގު ފުރިހަމަ ގޮތުގައި ބައްޓަން ކޮށްދިނުމަކީ އަޅުގަނޑުމެންގެ އަޒުމް. އެ ބިމުގެ ކަންތައްތައް މިހާރު އެ ވަނީ ހަމަޖެހިގެން ގޮސްފައި،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އައިޔޫއެމްއަށް ޖާގައިގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކޮށްދޭންޖެހޭ ކަންކަން އުފަލާއެކު ސަރުކާރުން ކޮށްދެއްވާނެ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.