އެކުއަކަލްޗާގެ މަސައްކަތަށް ރަށްރަށުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ ފަޅުތަކާއި ކަނޑުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިދޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
އެކުއަކަލްޗާއަކީ މަސްމަހާމެއްސާއި، ފެނުގައި ހެދޭ ގަސްތަކާއި، ޝެލްފިޝް ފަދަ ޒާތުގެ ތަކެތި އާލާކޮށް ގެންގުޅުމުގެ މަސައްކަތެވެ. މީގެކުރިން ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ ދަށުން އެކުއަކަލްޗާގެ މަސައްކަތަށް ދޫކުރަމުން ގެންދިޔައީ ހަމައެކަނި ފަޅު ރަށްރަށެވެ. ނަމަވެސް، 2020 ވަނަ އަހަރު އެކުލަވާލި ގަވާއިދަށް މިހާރު ގެނެވުނު އިސްލާހާއެކު، ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާޞްގައި ނުހިމެނޭ ފަޅުތަކާއި ކަނޑުގެ ސަރަހައްދުތައްވެސް އެކުއަކަލްޗާގެ މަސައްކަތަށް ކުއްޔަށް ދެވޭނެއެވެ.
މި އިސްލާހުގައިވާ ގޮތުން، އެކުއަކަލްޗާއަށް ފަޅެއް ނުވަތަ ކަނޑުގެ ސަރަހައްދެއް ކުއްޔަށް ދޫކުރެވޭނީ ދިވެހި ރައްޔިތުންނަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް، އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކަށާއި ކޯޕަރޭޓް ސޮސައިޓީތަކަށެވެ.
އެކުއަކަލްޗާގެ ބޭނުމަށް ކުއްޔަށް ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި، ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދުގައި ކުރަން ހުށަހަޅާ މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށް ވާންޖެހެއެވެ. އަދި އެ ސަރަހައްދެއް ކުއްޔަށް ނަގަން ހުށަހަޅާ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ޤާބިލު ފަރާތަކަށް ވާންޖެހޭނެއެވެ. މީގެއިތުރުން، ކުއްޔަށް ދޫކުރެވޭ ސަރަހައްދަކީ މާޙައުލީ ގޮތުން ކުރަން ހުށަހަޅާ މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނަކަށް ވާންޖެހޭނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހާއެކު، އެކުއަކަލްޗާގެ މަސައްކަތަށް ދޫކުރާ ސަރަހައްދުގެ ފުރަތަމަ 36 މަސްދުވަހުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެކުއަކަލްޗާގެ މަސައްކަތަށް ފަޅުރަށެއް ނަގާނަމަ ބިމު ކުލީގެގޮތުގައި ނެގޭނެ އެންމެ ދަށް ކުއްޔަކީ ބިމުގެ އަކަފޫޓަކަށް 10 ލާރިއެވެ. ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަހައްދުތަކާއި ކަނޑުގެ ސަރަހައްދުތަކުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް ފަސް ލާރިކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ