ޤާނޫނުއަސާސީއަކީ އެއްވެސް ފަރާތަކުން އަމިއްލަ މަޞްލަޙަތަށް ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށް ތާއީދު ހޯދުމަށް ޕީއެންސީ މެންބަރުންނަށް ގޮވާލަވާފައިވާ ދަނޑިވަޅެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުން 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ ދެވަނަ ބުރެއް ބާއްވަންޖެހޭނެކަން ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައި ޞަރީޙަކޮށް ބަޔާންކޮށްފައިވެއެވެ. މިއީ ޤާނޫނުއަސާސީގެ އަސާސީ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން 2008 ގެ ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުން އިންތިޚާބީ ނިޒާމު ސީދާ ޤާނޫނުއަސާސީގައި ހިމެނުމުން ކަށަވަރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފަދަ ލިޔެވިފައިވާ 'ސެމީ ރިޖިޑް' ޤާނޫނުއަސާސީއަކީ އެންމެ ފަރުދެއްގެ، އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، އަމިއްލަ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ނިޔަތުގައި ކުޅޭކުޅޭ އެއްޗަކަށް ހަދައި އާދައިގެ ޤާނޫނަކަށް ނުވަތަ ޤަވާޢިދަކަށް ބަދަލުގެނެވޭ އެއްޗަކަށް ވެގެން ނުވާނެ" ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ މިފަދަ ކަމަކަށް ހިތްވަރުދެއްވުމަކީ ބާރާއި އިޚްތިޔާރު ތަޢައްޞުފުކޮށް ބޭނުންކުރެއްވުން ކަމަށާއި، އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަށްވެސް ޑރ. ދީދީ ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރު ބޭއްވުނު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ދެވަނަ ބުރަކަށް ދާ ޙާލަތުގައި އިޚްތިޔާރުކުރާނެ ފަރާތެއް ފުރަތަމަ ބުރުގައި ކަނޑައެޅޭ ގޮތް ހެދުން މުހިންމުކަމަށާއި، ދެވަނަ ބުރުގެ ވޯޓުލުން އުވާލަންޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. "މާނައަކީ އެއް ބުރުން ނިމޭނެއޭ. އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ޤައުމުތަކުގައިވެސް އޮވޭ އެހެން" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެޓާރނީ ޖެނެރަލްއާ ޙަވާލުކޮށްގެން މިކަމުގެ ދިރާސާ ކުރަމުންދާ ކަމަށާއި، އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްކަމަށްވާނަމަ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެކަމަށެވެ. އަދި ރައްޔިތުން އެކަމަށް އެދޭނަމަ، އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން އެއަށް ޢަމަލުކުރާނެކަމަށާއި ރިޔާސީ އިންތިޚާބު އެއް ބުރުން ބޭއްވުމުން ޚަރަދުވެސް ބޮޑުތަނުން ކުޑަވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ