އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި، ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ރޭ ހާމަކުރި ގޮތުގައި، 2017 ވަނަ އަހަރުގެ ނޮވެންބަރު 5 ވަނަ ދުވަހު އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ހޮވާފައިވާ ފަރާތަކީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫނެވެ. އެ މަގާމަށް ޝަރުތު ހަމަވާ ތައުލީމީ ސެޓްފިކެޓެއް ނުވަތަ ޝަރުތު ހަމަވާ ތަޖުރިބާގެ ލިޔުމެއްވެސް އެ ފަރާތުން ހުށަހަޅާފައިނުވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ހާމަވެފައިވެއެވެ.
މީގެ އިތުރުން އޭސީސީން ބުނެފައިވަނީ، އެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ތައްޔާރުކޮށްފައިވާ 'އާރު2′ ޝީޓްގައި ޕޮއިންޓް ދީފައިވަނީ ޔުނިވަސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލާ ހިލާފަށް ކަމަށެވެ. އަދި އިންޓަވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓްދީ، އެ ފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަހުގީގަށް ހާމަވެފައިވާކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް އޭސީސީން އެދިފައިވަނީ، އޭރު އެ ޔުނިވާސިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އިބްރާހީމް ސަމީރު (ނަރުގިސްވިލާ/ ތ. ތިމަރަފުށި) އަދި ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގައި ހުންނެވި އަލީ ރަޝީދު (ގުލްބަކާގެ/ ބ. އޭދަފުށި) ގެ މައްޗަށެވެ.
އެ ދެ ފަރާތުގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
ކޮމެންޓު ފޮނުވާ