ސައިންސްވެރިންގެ ޓީމަކުން އިއުލާންކޮށްފައިވާ ގޮތުގައި ދުނިޔެއިން ބޭރުގައިވާ ޕްލެނެޓަކުން ދިރުން ހުރިކަމުގެ ނިޝާންތަކެއް ފެނިއްޖެއެވެ. އެސްޓްރޯނޮމަރުން ހިމެނޭ މި ޓީމުން ދަނީ "ކޭ2-18ބީ" ނަމަކަށް ކިޔާ ޕްލެނެޓުގައި ހޯދިފައިވާ ހޯދުންތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކުރަމުންނެވެ.
މި ޕްލެނެޓުގައި ދިރުން ހުރިކަން ކަށަވަރުކުރެވިފައިވަނީ މަޝްހޫރު ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް މެދުވެރިކޮށް ކުރެވުނު ދިރާސާތަކަކުންނެވެ. މި ޓެލެސްކޯޕުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ޕްލެނެޓްގެ ޖައްވުގައި ދިރުން ހުރުމަށް މަގުފަހިކޮށްދޭ ކެމިކަލްތަކެއްގެ އަސަރު ފެނިފައިވެއެވެ. މިއީ މި ޕްލެނެޓުގައި ކުރީގެ ނުވަތަ މިހާރުގެ ދިރުމެއް ވުޖޫދުގައި އޮތްކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށް ސައިންސްވެރިން ދެކެއެވެ.
ދުނިޔެއާއި ކޭ2-18ބީ އާ ދެމެދު 124 ލައިޓް އަހަރުގެ ދުރުމިނެއް ހުރެއެވެ. މިއީ ވަރަށް ބޮޑު ދުރުމިނެކެވެ. އެސްޓްރޯނޮމިކަލް މިންގަނޑުތަކުގައި ލައިޓް އަހަރަކީ، އަލިކަން އެއް އަހަރުދުވަހުގެ ތެރޭގައި ކަޑައްތުކުރާ ދުރުމިން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ.
މި ހޯދުމުގެ އިތުރު ތަފްސީލުތައް ދެނެގަތުމަށްޓަކައި ގިނަ ޢިލްމީ ޓީމުތަކެއް މިހާރު ދަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ. ދުނިޔެއިން ބޭރުގައި ދިރުން ހުރިކަން ޔަގީންކުރުމަކީ އިންސާނުންގެ ޢިލްމީ ހޯދުންތައް ފުޅާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށްވާނެއެވެ.
ކޮމެންޓު ފޮނުވާ