ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރުމަކީ އިންސާނީ ކަރާމާތަށް ލޯބިކުރާ އެންމެނަށް ނަމޫނާއެއް: ޝައިޚް ސަމީރު

ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރުމަކީ އިންސާނީ ކަރާމާތަށް ލޯބިކުރާ އެންމެނަށް ނަމޫނާއެއް: ޝައިޚް ސަމީރު

Author
ހުސައިން
17 އޭޕްރިލް 2025 08:59
0

މި މަހުގެ 15 ވަނަ ދުވަހު ދިވެހި ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ނިންމުމަކީ އިންސާނީ ކަރާމާތަށް ލޯބިކުރާ އެންމެނަށް ނަމޫނާއެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސްކަމާއި އެޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖްލީހުގެ ރައީސްކަން ކުރައްވާ ޝައިޚް ސަމީރު ފޭސްބުކުގައި ޝެއާކުރެއްވި ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށް ޙަމާސް ޖަމާޢަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުޙަބާ ކިޔަމުންދާ ކަމަށެވެ.

"މި ނިންމެވުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ އިތުރުން ޢަދުލުއިންސާފާއި މިނިވަންކަމާއި އިންސާނީ ކަރާމަތަށް ލޯބިކުރާ ހުރިހާ ޤައުމުތަކާއި ޖަމާޢަތްތަކަށްވެސް ނަމޫނާއެއްކަމުގައި ދެކެން," ޝައިޚް ސަމީރު ވިދާޅުވިއެވެ.

އަދި ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޤަތުލުޢާމު ހުއްޓެންދެން ދިވެހި ސަރުކާރުން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރި ކުރުމަކީ ހިތްވަރުގަދަ ޢަމަލެއްކަމަށް ޝައިޚް ސިފަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއާއި މިކަމަށް ވަކާލާތުކުރި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޝައިޚް ސަމީރު ސްޓޭޓަސް ނިންމަވާލެއްވީ "އުންމީދަކީ ފަލަސްޠީނުގައި ޔަހޫދީ ދައުލަތް އޮތްހާ ހިނދަކު މިގޮތުގައި ދިވެހި ދައުލަތް ދެމިއޮތުން! إن تنصر الله ينصركم" މިފަދައިންނެވެ.

15 އެޕްރިލް ވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން އިމިގްރޭޝަން ޤާނޫނަށް އިސްލާޙު ގެނެސް އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށް ޖަލްސާގައި ބައިވެރިވި 83 މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. މި އިސްލާޙު ފާސްކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެދުވަހުން އެދުވަހަށް އެ އިސްލާޙު ތަސްދީޤުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.