މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދެމުންގެންދާ ބައެއް މުހިންމު ޚިދުމަތްތައް ނޭޝަނަލް ވިންޑޯ ޓްރޭޑިން ޕްލެޓްފޯމަށް ބަދަލުކުރުމަށް ނިންމައިފިއެވެ. މިއީ އިމްޕޯޓް އެކްސްޕޯޓް ޓްރޭޑް ޓޮޓްކޮމް ޑޮޓްއެމްވީ އާ ގުޅުންހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ ފަރާތްތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތެކެވެ. މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މި ޕްލެޓްފޯމް އެކްޓިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލާއެކު ޓްރޭޑިން ޕްލެޓްފޯމަށް ބަދަލުވާ ޚިދުމަތްތަކުގެ ތެރޭގައި ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީ ކުރުން ހިމެނެއެވެ. މީގެ ސަބަބުން ޝިޕިން އެޖެންޓުން އުޅަނދާ ގުޅޭ މައުލޫމާތު ވެސަލް މާސްޓާ އަޕްޑޭޓް ސީދާ އެމްޕީއެލް އަށް ހުށަހެޅުމުގެ ބަދަލުގައި ޓްރޭޑިން ޕްލެޓްފޯމަށް އަޕްޑޭޓް ކުރެވޭނެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
އަދި ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމުގެ ޚިދުމަތްވެސް ބަދަލުވާނެއެވެ. ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް (އީޓީއޭ) ޝިޕިން އެޖެންޓުން އެމްޕީއެލްއަށް ހުށަހެޅުމުގެ ބަދަލުގައި މި ޕްލެޓްފޯމް މެދުވެރިކޮށް ކަމާގުޅޭ ވުޒާރާތަކަށް މި މައުލޫމާތު ލިބިގެންދާނެއެވެ. އަދި ސީކާގޯ އިމްޕޯޓް މެނިފެސްޓްވެސް ޓްރޭޑިން މެދުވެރިކޮށް ހުށަހެޅޭނެއެވެ. މީގެ ސަބަބުން ލިޔެކިޔުންތައް ސްކޭންކޮށްގެން އެމްޕީއެލްއަށް ގޮސް ހުށަހަޅާކަށް ނުޖެހި، އޮންލައިންކޮށް ހުށަހެޅުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
މިއީ ކުރިން އެއް އޮފީހުން އަނެއް އޮފީހަށް ގޮސް ހުށަހަޅަންޖެހޭ ފޯމްތައް އެއް ނިޒާމެއްގެ ތެރެއިން ހުށަހެޅޭނެ ފަސޭހަ ގޮތްތަކެއް ގެނައުމުގެ މަސައްކަތެކެވެ. މިއަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ކެބިނެޓުން ނިންމާފައިވާ ސަރުކާރުގެ ޑިޖިޓަލައިޒް ތަސައްވުރާ އެއްގޮތްވާ ގޮތުގެމަތިން މި ބަދަލުތައް ގެނެވެނީއެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންގިލާބީ ބަދަލުގެ ތެރެއިން ގައުމީ ފެންވަރުގައި ހިންގާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތައް ތައާރަފުކޮށް، ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި މައުލޫމާތު ފަސޭހަކަމާއެކު ހިއްސާކުރެވޭނެ "އިންޓަ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް" ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި ބަދަލާ ގުޅޭ މައުލޫމާތު އެމްޕީއެލްގެ ހޮޓްލައިނުން ނުވަތަ އީމެއިލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ޓްރޭޑިން ޕްލެޓްފޯމްގައި ރަޖިސްޓްރީވުމާއި އިތުރު މައުލޫމާތު ހޯދުމަށް ޓްރޭޑިން ސަޕޯޓް ނަންބަރު 3334001 އަށް ގުޅުމަށް ވެސް އެމްޕީއެލްއިން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ