އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢުގެ ދަށުން މަގެއް ހެދުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ހުސްނުކޮށް ހިފަހައްޓާފައިވާ އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓަރުގެ ސަރަހައްދެއް ހުސްކޮށްފައެވެ.
ކުރީގެ ސަރުކާރުން 2023 ގައި ފަށާފައިވާ 29 މިލިއަން ޑޮލަރު (455 މިލިއަން ރުފިޔާ)ގެ މި މަޝްރޫޢުގެ ތެރެއިން ހަދަން ރޭވިފައިވާ މަގު އެޅުމަށްޓަކައި އީކުއޭޓާ ވިލެޖްގެ އެކޮމޮޑޭޝަން އިމާރާތެއް ނެގުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ ބިން ހުސްނުކުރުމުގެ ސަބަބުން މަޝްރޫޢު ދިގުލައިގެން ގޮސްފައިވެއެވެ. މި ސަރުކާރުން ކުރިން ގެންގުޅުނު ވިސްނުމަކީ މަގުގެ އެ ބައި ނުހަދާ މަޝްރޫޢު ކުރިއަށް ގެންދިއުމެވެ.
މިކަމާ ގުޅޭގޮތުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ވަހީދު ބައެއް މީޑިއާތަކަށް ދެއްވި މަޢުލޫމާތުގައި، ފެންނަ މަންޒަރުތަކަށް ބަލާއިރު އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓަރުން ހުސްކުރަންޖެހޭ ބައި މިހާރު ހުސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. "ތަން ހުސްކޮށްފި. އެކަމަކު އަދި ހަވާލެއް ނުކުރޭ" އޭނާ ވިދާޅުވިއެވެ.
މަގު ހަދަން ރޭވިފައިވާ ކުރެހުމަށް ބަލާއިރު، މި މަގު ދާނީ ސްޓާފް ކުއާޓަރޒްގައި މުވައްޒަފުން ނިދާ ކޮޓަރިތަކެއް ހުންނަ ދިމާލުންނެވެ. އަދި އެތާނގައި ބޭނުންކުރާ ލޯންޑްރީއާއި ބަދިގެއަށް އެއްވެސް އަސަރެއް ކުރާނެ ކަމަކަށް ނުފެނެއެވެ.
ވަހީދުގެ ވާހަކަފުޅުގައި، ތަން ހުސްކުރުމުގެ ކަންތަކާ ގުޅޭގޮތުން އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ހޮޓެލްސްއިން އައްޑޫ އެއަރޕޯޓާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށާއި، އެއީ ޓޫރިޒަމް މިނިސްޓްރީން އީކުއޭޓާ ވިލެޖަށް ދީފައިވާ ބިމެއްކަމަށް ބުނެ އެ ކަންތަކާގުޅޭ ހުރިހާ މަޝްވަރާއެއް ކުރަނީ މިނިސްޓްރީއާ އެކަނި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިފަހަރު ބިން ހުސްކުރީ ކޮން ކަމަކަށް އެއްބަސްވެގެންކަން އެއަރޕޯޓް ކުންފުންޏަށް ނޭނގޭ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަހީދު ވިދާޅުވި ގޮތުގައި އެއަރޕޯޓް ކުންފުނިން މީގެ ކުރިން ވެސް ބިން ހުސްކުރުމާ ގުޅޭގޮތުން އީކުއޭޓާ ވިލެޖާ މަޝްވަރާކުރަން މަސައްކަތްކޮށްފައިވާ ކަމަށާއި، ހުސްކުރަންޖެހޭ ތަނުގެ ބަދަލު ދިނުމަށްވެސް އެއަރޕޯޓުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އީކުއޭޓާ ވިލެޖުން ވަކި އެއްޗެއް ބުނެފައިނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެއަރޕޯޓުން ހުށަހަޅާފައިވަނީ ހުސްކުރަންޖެހޭ ކޮންމެ ކޮޓަރިއަކަށް ޖެހިގެން ހުރި އިމާރާތުން ކޮޓަރިއެއް (މަރާމާތު ކޮށްދިނުމާ އެކުގައި) ނުވަތަ ހުސްކުރަންޖެހޭ ބިމާ އެއްވަރުގެ ބިމެއް ދިނުމަށެވެ. ކުރެހުމަށް ބަލާއިރު ހުސްކުރަންޖެހެނީ 6 ނުވަތަ 7 ކޮޓަރި ކަމަށްވެސް ވަހީދު ފާހަގަކުރެއްވިއެވެ.
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓަރޒް ހުރި އިމާރާތަކީ ޓޫރިޒަމް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި ބިމެއް ނަމަވެސް، މި ބިމާ ގުޅޭގޮތުން ދެބަސްވުމެއް ވަނީ އުފެދިފައެވެ. މީގެ ކުރިން އެއަރޕޯޓް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބިމަކީ އީކުއޭޓާ ވިލެޖުގެ ހޮޓެލްތައް ހިންގުމަށް ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސްއަށް އެންމެ ފުރަތަމަ ކުއްޔަށް ދޫކުރި ބިމެއްވެސް ނޫން ކަމަށާއި، "އީކުއޭޓާ ވިލެޖު ހޮޓެލް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު ކޮށްފައިވާ އެގްރިމަންޓްގައި ނުހިމެނޭ ބިމެއް 2013 ވަނަ އަހަރު އެ އެގްރިމަންޓްގެ ބައެއްގެ ގޮތުގައި ހިމަނައި ރަޖިސްޓްރީކޮށްފައިވާ ކަމީ މި ކުންފުނީގެ ނުހަނު ކަންބޮޑުވާ ކަމެކެވެ" އެވެ.
ކޮމެންޓު ފޮނުވާ