ފަރެސްމާތޮޑާ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ފަރެސްމާތޮޑާ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 09:31
0

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކަ އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.

އެކުންފުނިން ބުނެފައިވަނީ ފަރެސް މާތޮޑާގައި ތަރައްޤީ ކުރާ އެއާޕޯރޓްގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވާކަމަށެވެ. މިއީ 144.88 މިލިއަން ރުފިޔާގެ މަޝްރޫޢެއްް ކަމަށް އެމޓީސީސީން ބުނެއެވެ.

ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. ފަރެސްމާތޮޑާގެ އެއަރޕޯޓް ހެދުމުގެ މަސައްކަތުގެ ތެރޭގައި އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި، އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް އެމްޓީސީސީއާވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް އެމްޓީސީ އާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. 2018ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. ގދ.ފަރެސްމާތޮޑާއަކީ އާބާދީގައި 1800އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ރާއްޖޭގެ ކޮންމެ ތަނަކުން 30 މިނެޓުން އެއަރޕޯޓަށް ދެވޭ ހިސާބުގައި އެއަރޕޯޓް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިންމާލެވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.