ދ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ. ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ކުއްޔަކާ ނުލައި ދ. އުއްދޫއަށް ޕިކްނިކް ދިޔުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދ. އުއްދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުތެރޭ ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވި ރަށެކެވެ. މި ރަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ރަސްމީކޮށް ހަވާލުކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާގޮތުގައި، މި ވަގުތު ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހުޅުވިފައިވީ ނަމަވެސް، އަދި އެތަނުގައި ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތެވެ. ނަމަވެސް، ކައިރި މުސްތަޤްބަލެއްގައި އެ ވުޒާރާގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ޙަވާލުކުރެވި، ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވައިލާ، ދަތުރުވެރިންނަށް އެކަށީގެންވާ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
މިހާރުވެސް އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން ދ. އުއްދޫ ބޭނުންކުރަމުން ގެންގޮސްފައިވަނީ އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުޞޫލުންކަމަށްވުމާއެކު، މިހާރު ރައްޔިތުންނަށް ހިލޭ ޕިކްނިކް ދިޔުމުގެ ފުރުސަތު ލިބިގެންދިއުމަކީ ގިނަ ބަޔަކަށް ލިބިގެންދާނެ އުފަލެކެވެ.