މަރުހޫމް މަޑުލު ވަހީދުގެ އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ: ރައީސް

މަރުހޫމް މަޑުލު ވަހީދުގެ އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ: ރައީސް

ގުޅުންހުރި

ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު، މަޑުލު މުޙައްމަދު ވަޙީދު އިއްޔެ އަވަހާރަވެއްޖެއެވެ. މަޑުލު ވަހީދު އަވަހާރަވީ އުމުރުން 77 އަހަރުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ލިބިވަޑައިގަންނަވަމުން ދަނިކޮށެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މަޑުލު ވަޙީދުގެ އަވަހާރަވުމާ ގުޅިގެން ފުން ހިތާމައެއް ފާޅުކުރައްވައި، މަރުޙޫމްގެ އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި "މަރުޙޫމް މަޑުލު މުހައްމަދު ވަޙީދަކީ ދިވެހިބަހުގެ އަދީބެއްގެ އިތުރުން، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި ތަރުޖަމާކުރުންތެރިއެކެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެކެވެ".

މަރުޙޫމްގެ ޚިދުމަތްތަކުގެ ތެރޭގައި ލިޔުންތެރިކަމާއި ކުރުވާހަކަ ލިޔުމުގެ ރޮނގުން ދެ ފަހަރެއްގެ މަތިން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް ޙާޞިލުކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ އިތުރުން، ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައިވާ އުސްތާޛެކެވެ. "ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ޤައުމަށް އެ ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެއެވެ" ކަމަށް ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްވެސް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މަޑުލު ވަޙީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ރައީސް މުޢިއްޒު ވަނީ މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ޢާއިލާއަށާއި ލޯބިވާ އެންމެހައި ފަރާތްތަކަށް ތަޢުޒިޔާ ވިދާޅުވެ، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ