އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ހުއްޓެންދެން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް 241 ކޮމިޓީން ފާސްކޮށްފި

އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ހުއްޓެންދެން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް 241 ކޮމިޓީން ފާސްކޮށްފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން (241 ކޮމިޓީ) ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ހުއްޓެންދެން އިޒްރޭލް ޕާސްޕޯޓް ރާއްޖެއަށް މަނާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.

މި މުހިންމު ހުށަހެޅުން ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ. މި ހުށަހެޅުން ވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ފާސްކުރެވުނު ހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓެންދެން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން މިދިޔަ އަހަރުގެ ޖޫން 2 ވަނަ ދުވަހު ވަނީ އިޢުލާންކޮށްފައެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މިކަމާ ގުޅިގެން ބިލެއް ހުށަހަޅުއްވާފައެވެ. ޕީއެންސީން ނިންމީ މި ބިލް ބަލައިގަނެ، ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެނައުމަށެވެ. މި ބިލް ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހުއެވެ.

ނަމަވެސް، ބިލްގެ މަސައްކަތް ލަސްވަމުންދިއުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން ބޮޑުވެފައިވެއެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މުހައްމަދު ޝާހިދު ވަނީ އިޒްރޭލް މީހަކު އެހެން ޤައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވާ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަށްވެސް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ތާއީދުކުރައްވާފައެވެ. އަދި މިއިސްލާހުވެސް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެހެން ޤައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލް މީހުން އެތެރެވުން މަނާނުކުރަން ނިންމާފައިވަނީ، އެއީ ތަންފީޒުކުރެވޭނެ ކަމެއް ނޫންކަމަށް އިމިގްރޭޝަނުން ކޮމިޓީގައި ފާހަގަކުރުމާ ގުޅިގެންނެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖެ އެތެރެވުމަށް ހުށަހަޅާ ޕާސްޕޯޓް ފިޔަވައި އިތުރު ޕާސްޕޯޓެއް އެ މީހެއްގެ އަތުގައި އޮވޭތޯ ބެލޭނެ ގޮތެއް ނެތްކަމަށެވެ.

ބިލްގެ މަސައްކަތް މިހާތަނަށް ލަސްވެފައިވާއިރު، މިއަހަރުގެ ފުރަތަމަ ދެމަހުގެ ތެރޭގައިވެސް އިޒްރޭލް ޕާސްޕޯޓް އޮތް 156 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ