އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތް އަވަސްކުރަނީ

އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތް އަވަސްކުރަނީ

ގުޅުންހުރި

އައްޑޫގައި ދިގު މުއްދަތަކަށް ހިންގުން ހުއްޓާލާފައި އޮތް ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން އިއްޔެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި މި ރިސޯޓު ނުހުޅުވި މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވެއެވެ. ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި މި ރިސޯޓު ހުޅުވާނެކަމަށް ވައުދުވެވަޑައިގެންނެވި މުއްދަތު ފަހަނައަޅާ ގޮސްފައިވާ ދަނޑިވަޅެއްގައި، މިއަދު ޝަންގްރިއްލާގެ ސީނިއަރ މެނޭޖްމަންޓާއެކު މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް، ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރު މޫސާ ޒަމީރު އަދި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި، އެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން އެހީތެރިވެދެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

ޝަންގްރިއްލާ ރިސޯޓު ހިންގާ "އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް" ގައި ކުރިން ސަރުކާރުން ބެހެއްޓި 30 ޕަސެންޓުގެ ހިއްސާ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދޫކޮށްލާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ފަހުން މި ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން ކުރާ މަސައްކަތެއްގެ މަޢުލޫމާތު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

50.6 ހެކްޓަރުގެ ބިމުގައި ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ވިލިނގިއްޔަކީ 284 އެނދުގެ ޖާގަ ލިބިފައިވާ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވުމުން ސީދާ ގޮތުންނާއި ނުސީދާ ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ދިވެހި އިޤްތިސާދަށް ފައިދާކުރާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ