އާންމުކޮށް ދިވެހީން ގޮސް އުޅޭ ހަތަރު ޤައުމެއްގައި އައިޑީ ކާޑު ހަދައިދޭން ފަށަން ނިންމައިފި

އާންމުކޮށް ދިވެހީން ގޮސް އުޅޭ ހަތަރު ޤައުމެއްގައި އައިޑީ ކާޑު ހަދައިދޭން ފަށަން ނިންމައިފި

Author
ހުސައިން
13 އޭޕްރިލް 2025 08:31
0

ދިވެހިން އާންމުކޮށް ދަތުރުކުރާ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ވަނީ ނިންމާފައިވާކަން ހޯމްލޭންޑް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތް ހިމެނޭކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިހާރުވެސް ރާއްޖޭގެ އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ދެމުންދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެގޮތުން، މިހާރު 15 ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، މި މަހުގެ ތެރޭގައި މ.މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫގައިވެސް މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ވަނީ ހާމަކޮށްފައެވެ.

އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް މާލެއިން އެކަނި ނުލިބި، ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއްކަމަށް ބަޔާންކޮށްފައިވެއެވެ. މި ވަޢުދާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީ ކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.