ސީއެމްޑީއޭއިން ހުއްދަ ނުހޯދައި "ޖީއެމްސީއީ" ޓްރޭޑިންގ ސްކީމް ހިންގަމުންދަނީ

ސީއެމްޑީއޭއިން ހުއްދަ ނުހޯދައި "ޖީއެމްސީއީ" ޓްރޭޑިންގ ސްކީމް ހިންގަމުންދަނީ

ގުޅުންހުރި

ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުން އަންނަ "ޖީއެމްސީއީ" ޓްރޭޑިންގ ސްކީމަކީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދަ ނެތި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމެއްކަން އެ އޮތޯރިޓީން މިއަދު ކަށަވަރުކޮށްފިއެވެ. މި މައްސަލަ ސީއެމްޑީއޭގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިހާރުވަނީ ތަޙްޤީޤު ފަށައިފައިވާކަމަށް އެ އޮތޯރިޓީން ބައެއް މީޑިއާތަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓު ކޮފައިވެއެވެ.

"ޖީއެމްސީއީ" އަކީ ރާއްޖޭން ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ސްކީމަށް ގިނަ ދިވެހިން ފައިސާ އިންވެސްޓްކޮށްފައިވާ ސްކީމެކެވެ.

ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން ވަނީ މިއީ ބައެއްގެ އަތުން ނާޖާއިޒް ގޮތުގައި ފައިސާ އަތުލުމަށް ހިންގަމުންދާ ސްކޭމެއްކަމަށް ބުނެފައެވެ. އަދި މިހާރު އެ ސްކީމުން ފައިދާވި ނަމަވެސް، ވަކި ހިސާބަކުން އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް އިންޒާރުދެމުންނެވެ.

ސީއެމްޑީއޭއިން ހާމަކުރާ ގޮތުގައި، ރާއްޖޭގައި މިފަދަ އިންވެސްޓްމަންޓް ސްކީމެއް ހިންގޭނީ އެ އޮތޯރިޓީގެ ހުއްދަ ހޯދައިގެންނެވެ. މީގެ ކުރިންވެސް ރާއްޖޭގައި މިފަދަ އެތައް ސްކީމެއް ހިންގާފައިވެއެވެ. އަދި ފުރަތަމަ ކޮޅު ފައިދާ ލިބުނުނަމަވެސް، ފަހުން ބޮޑެތި ގެއްލުންތައް ލިބި، އެތައް ދިވެހީންނެއްގެ ފައިސާ ގެއްލިފައިވެއެވެ.

މިފަދަ ސްކީމަކަށް ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ވެސް ތުހުމަތު ކުރެވި، ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އިންވެސްޓްމަންޓް ސްކީމެއް ހިންގައި، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައި ލޯންޑާކުރިކަމަށް ތުހުމަތުކޮށް މިހާރު ވަނީ ދަޢުވާ އުފުލައިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ މިފަދަ ސްކީމްތައް ހިންގަނީ އިތުރު މީހުން އެއާ ގުޅި، ފައިސާ ލަމުން ދާތީކަމަށާއި، އެ ފައިސާ ބޭނުންކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުންތަކަށްކަމަށް ބުނެފައެވެ. އެހެންކަމުން، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށްވެސް އެފަރާތުން ވަނީ އިންޒާރުދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ