ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި މީހަކަށް، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. ކަނޑުމަގުން ބޯޓެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މި މީހާއަށް، 25 އަހަރުގެ ޖަލު ޙުކުމަކާއި 100,000 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިފަދަ ޙުކުމެއް އިއްވީ މިއީ ފުރަތަމަ ފަހަރެވެ. ކުރިން މިފަދަ މައްސަލަތައް ބަލަމުން އައީ ހަމައެކަނި ކްރިމިނަލް ކޯޓުން ނަމަވެސް، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކަށްވެސް މިފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންދިޔައެވެ.
މި މައްސަލައިގައި ޙުކުމް ކުރި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ޤާޟީ މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ހެކިބަސް ދިން މީހުންގެ ހެކިބަހުންނާއި ހުށަހެޅުނު ހެއްކަށް ބަލާއިރު، މަސްތުވާތަކެތި އެކުލެވޭ ފޮށިގަނޑު ދަޢުވާލިބޭ މީހާ ބޯޓުން ނަގައި އޭނާގެ އަތުގައި އޮތްކަން ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށެވެ.
ފުލުހުން މި މީހާ ހައްޔަރުކުރީ މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި ގެންދިޔަ ދެ ކަރުދާސް ފޮށިގަނޑަކާ ހަވާލުވެގެން އައި ވަގުތު ހުއްޓުވައި ބަލައި ފާސްކުރުމުންނެވެ. ބަލައި ފާސްކުރުމުގައި ފެނުނު އެއް ފޮށިގަނޑުގައި ޕޮޓެއްގައި އިންދާފައި ހުރި ގަހެއްގެ މޫގަނޑުގެ ތެރޭގައި އޮތް ކޮތަޅެއްގެ ތެރެއިން 51.15 ގްރާމްގެ ޑައިމޯފިން ފެނުނުކަމަށް ތަޙްލީލު ރިޕޯޓުގައި ވެއެވެ.
މައްސަލައިގެ ދަޢުވާއަށް އޭނާ އިންކާރުކޮށް، ދިފާޢުގައި ބުނީ އެއީ އޭނާގެ ފޮށިގަނޑެއް ނޫންކަމަށާއި، އޭނާގެ އަންހެނުން ގެނައި ފޮށިގަނޑެއްކަމަށެވެ. އަދި ބޯޓަށް ބަލައި ދިޔައީވެސް އަންހެނުން ބުނުމުންކަމަށް ބުނެފައިވެއެވެ. ނަމަވެސް ދަޢުވާލިބޭ މީހާގެ އަންހެނުން ޝަރީޢަތުގައި ހެކިބަސް ދެމުން ބުނެފައިވަނީ، އޭނާ ފޮނުވީ އެއް ފޮށިގަނޑު ބަލައިކަމަށާއި އިތުރު ފޮށިގަނޑެއް ނަގަން ފޮނުވާފައިނުވާކަމަށެވެ.
ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި، މަސްތުވާތަކެތި ފެނުނު ފޮށިގަނޑުގައި ޖަހާފައި އޮތް ފޯނު ނަންބަރާ ދަޢުވާލިބޭ މީހާގެ ފޯނުން ގިނަ މުޢާމަލާތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ބޯޓު ކުޅުދުއްފުއްޓަށް ޖެހުމާއެކު އޭނާ ބޯޓަށް އަރައި ފޮށިގަނޑުތައް ހިފައިގެން ސައިކަލުގައި އެތަނުން ދިޔަކަން ވެސް ފާހަގަކުރެވުނެވެ.
ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ ޢަމަލުތައް ހުރިގޮތަށާއި ފުލުހުންނަށް ލިބުނު މަޢުލޫމާތާއި ގުޅިގެން، އޭނާ ބޯޓުން ފޭބި ވަގުތު ހުއްޓުވައި ބަލައި ފާސްކުރުމުން ކުރިއާލާ ލިބުނު މަޢުލޫމާތާ ދިމާވިއެވެ. އަދި އޭނާގެ އަތުގައި ހުރި ގަސް ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭކަމަށްވެސް ޤަބޫލުކުރެވޭކަމަށް ޤާޟީ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، 25 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް އަންގާފައިވެއެވެ.