މާލެ ސިޓީ ކައުންސިލުން މާލޭގެ ހަނި ގޯޅިތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެފައިވެއެވެ.
މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވެފައިވަނީ، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ރައްޔިތުންނާއި، އަދިވެސް ގާ އަތުރައި ޕޭމަންޓް ހެދިފައިނުވާ ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން، އެ ގޯޅިތަކުގެ ހާލަތު ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމުން، އެ ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްދެއްވާނެ ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމަށްފަހު މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވުމުން، އެ ގޯޅިތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވަނީ ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. މި ކަންކަމުގައި ރައްޔިތުންގެ ފަރާތުން މިހާރުވެސް ލިބެމުންދާ ފުރިހަމަ އެއްބާރުލެއްވުމަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ހަނި ގޯޅިތަކުގައި ރަނގަޅަށް ގާ އެތުރިފައިނުވާކަމާއި ހަނިގޯޅިތަކުގައި ބުޅަލުގެ ނަޖިސް ހުންނަ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބޭ. އަދި އެ ގޯޅިތަކުގައި އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުއްވާ ބޭފުޅުންނަށް އަނިޔާވެ، ގެއްލުންތައް ލިބޭ. އެ ކަންކަން ވެސް ބަޔާންކޮށް، މި ފަދަ ދަތިތަކާބެހޭ މަޢުލޫމާތު ހިމެނޭ ސިޓީއެއް ކައުންސިލަށް ފޮނުއްވައިދެއްވުން އެދެން. ތިޔަ ބޭފުޅުންގެ ފަރާތުން މި ފަދަ މަޢުލޫމާތު ލިބިއްޖެނަމަ، އެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ތިޔަ ބޭފުޅުންނަށް މިހާރު ދިމާވާދަތިތައް ހައްލު ކުރުމުގެ މަސައްކަތްކުރާނެ ވާހަކަ ދަންނަވަން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ފާހަގަކުރެއްވީ، ކައުންސިލްގެ އަމާޒަކީ މިފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތްފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުމަށް ކަމަށެވެ. މި ކަންކަން ހާސިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވި ދުވެލީގައި މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.