އައްޑޫސިޓީ ކައުންސިލުން ހިތަދޫ ބަނދަރުގައި ފެރީ ޓާމިނަލެއް އިމާރާތްކުރުމުގެ މަސައްކަތް މަރަދޫގެ ވޭމާޓް ކުންފުންޏާ ހަވާލުކޮށްފިއެވެ.
979،510.01 ރުފިޔާގެ އަގުގައި ހަވާލުކުރެވުނު މި މަސައްކަތުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއުއެވެ. މަޝްރޫޢުގެ މުއްދަތަކީ 85 ދުވަސް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
ހިތަދޫ ބަނދަރުގައި ފެރީ ޓާމިނަލެއް ނެތުމުގެ ސަބަބުން، ރަށްރަށަށް ދަތުރުކުރާ ފަސިންޖަރުން ގިނަ ދަތިތަކާ ކުރިމަތިވަމުންދާކަމަށާއި، ވިއްސާރަ ދުވަސްވަރު ޚާއްޞަކޮށް ގިނަ ބަޔަކު މި ދަތިކަން ތަހައްމަލްކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއީ އެންމެ ފަހުން ކުރިއަށްގެންދާ މަޝްރޫޢުކަމުގައި ބެލެވެއެވެ. ފެރީ ޓާމިނަލް އިމާރާތްކުރުމުން އައްޑޫސިޓީއާއި ކައިރި ރަށްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ރައްޔިތުން އުންމީދުކުރެއެވެ.