ހދ. ކުޅުދުއްފުށީ ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި 34 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، މިދިޔަ ހުކުރު ދުވަހުގެ ރޭ ކަސްޓޯޑިއަލް ޖަލުގައި ހުއްޓައި މި ފަރާތަށް ދަންޖެހި، ވަގުތުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި އެ ފަރާތަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުފަހު 3:30 ހާއިރު ދުނިޔެ ދޫކޮށްފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މަރުވި ފަރާތް ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ، މަސްތުވެގެން ހުރެ ގެއެއްގެ މުދަލަށް ގެއްލުންދިނުމަށްފަހު ހަމަނުޖެހުން ހިންގި މައްސަލައެއްގައެވެ. މި ހާދިސާއާ ގުޅިގެން، ފުލުހުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މައްސަލަ އަންގައި، ތަޙްޤީޤުކުރުމަށް ކުޅުދުއްފުށްޓަށް ޚާއްޞަ ޓީމެއް ފޮނުވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އެހެން ފަރާތެއް 2022 ވަނަ އަހަރުގެ ޑިސެމްބަރު 19 ގައިވެސް ދަންޖެހި، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވެއެވެ.