އައްޑޫ ގަން އެއާޕޯޓުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

އައްޑޫ ގަން އެއާޕޯޓުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ގުޅުންހުރި

އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ 60 ޕަސެންޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ހާމަކޮށްފިއެވެ.

އޭއައިއޭއިން މިއަދު ނެރުނު ދިގު ބަޔާނެއްގައި ބުނެފައިވަނީ މި ވަގުތު ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ މަގުތަކުގެ މަސައްކަތާއި ޓާމިނަލްގެ މަސައްކަތް ކަމަށެވެ. ނަމަވެސް މި ވަގުތު ގަމުގެ އީކްއޭޓަ ވިލެޖްގެ އެކޮމޮޝަން ބްލޮކެއްގެ މައްސަލައާ ހެދި މަގު ހެދުމަށް ބުރޫ އަރާފައިވާ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އޭއައިއޭއިން ފާހަގަކޮށްފައިވާ ގޮތުގައި ގަމުގެ މަގުގެ ނެޓްވޯކް ފުޅާކުރުމާއި އިތުރު ކުރަންޖެހޭ މަގުތައް ޕްލޭންކޮށް ޑިޒައިން ކުރެވިފައިވަނީ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރާއި ކޮންސަލްޓަންޓްގެ ކަމާބެހޭ މާހިރުންގެ އިރުޝާދާއެކުގައި ކަމަށެވެ. ގަން އެއާޕޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ރެނާސްޓަސްއެވެ.

އީކްއޭޓަ ވިލެޖްގެ ލޭބާ ކުއާޓާސް ހުރި ބިން ހުސްކޮށް ކޮންޓްރެކްޓަރާއި ހަވާލުކުރަންޖެހޭ މުއްދަތުގެ ތެރޭގައި ހަވާލުނުކުރެވުމުގެ ސަބަބުން އެ އިމާރާތް ހުރި ބިމުގެ ތެރެއިން ދާންޖެހޭ މަގުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށް އޭއައިއޭ އިން ބުނެފައިވެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ގަމުގައި ހުރި ބައެއް އިމާރާތްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ރެސްޓޯރަންޓްތަކާއި، ކަސްޓަމްސްގެ އިމާރާތްތަކާއި، ފުލުހުން ބޭނުންކުރި އިމާރާތްތަކާއި، އެމްއެންޑީއެފް އެއާ ވިންގުން ބޭނުންކުރި އޮފީސް އިމާރާތާއި، ފެނަކައިގެ ބައެއް ސްޓޭޝަންތައް އެ ފަރާތްތަކުގެ އެހީތެރިކަމާއެކު ހުސްކޮށް، އެ ބިންތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށާއި އެކަންތައްތައް ދިޔައީ އެއްވެސް މައްސަލައެއް ދިމާނުވެ ކަމަށްވެސް އޭއައިއޭއިން ބުނެފައިވެއެވެ.

އޭއައިއޭއިން އިތުރަށް ބުނެފައިވަނީ މިހާރު މައްސަލަ ދިމާވެގެން އުޅޭ އިމާރާތް ހުރި ބިމަކީ އެކުންފުނީގެ ހަރުމުދަލެއް ކަމުންނާއި، އެތަނުގެ މުއާމަލާތް ހިންގާފައިވާ ގޮތުގައި މައްސަލަތަކެއް އުޅޭތީވެ، އެކަމުގައި ގާނޫނީ ލަފާ ހޯދުމަށްފަހު، ޝަރީއަތް މެދުވެރިކޮށް ބިމުގެ މައްސަލަ ހައްލުކުރުމާ މެދު ގޮތެއް ނިންމުމަށް ކުންފުނީގެ މެނޭޖްމަންޓުން ބޯޑަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނެފައިވަނީ އީކްއޭޓާ ވިލެޖްގެ ލޭބާ ކުއާޓާސްގެ ގޮތުގައި ބޭނުންކުރާ އިމާރާތްތަކާއި ގުދަންތަކުގެ ގޮތުގައި ބޭނުންކުރާ އިމާރާތާއި އެ ސަރަހައްދުގެ ބިމަކީ ކުރިން އައްޑޫ ގަން ބަލަހައްޓާ ޔުނިޓުން އީކްއޭޓާގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމާއި އިމާރާތްތަކެއް ކަމަށާއި، އީކްއޭޓާ ހިންގާ ކުންފުނި ގޭން އިންވެސްޓްމަންޓާއެކު އެ އިމާރާތްތައް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ދިޔަކަމަށެވެ.

އޭއައިއޭއިން އެކުންފުނީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ "ގަން އެއާޕޯޓާ މެދު އައްޑުއާއި މުޅި ދެކުނުގެ ރައްޔިތުން ގެންގުޅޭ ތަސައްވުރާއި އުންމީދުތަކަށް އިހުތިރާމްކޮށް ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރާއި ކުންފުނީގެ ހިއްސާދާރުންގެ ލަފައާއެކު މި ކުންފުނިން ކުރަމުން ގެންދާ މަސައްކަތަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުން ބޭނުންވޭ" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ