އައްޑޫ އެއާޕޯޓު ޕްރޮޖެކްޓަށް ދިމާވި ހުރަސް: އީކުއޭޓާ ވިލެޖުގެ ސަރަހައްދުން ބިން ހޯދުމަށް ކޯޓަށް ދިއުމަށް އޭއައިއޭއިން ނިންމައިފި

އައްޑޫ އެއާޕޯޓު ޕްރޮޖެކްޓަށް ދިމާވި ހުރަސް: އީކުއޭޓާ ވިލެޖުގެ ސަރަހައްދުން ބިން ހޯދުމަށް ކޯޓަށް ދިއުމަށް އޭއައިއޭއިން ނިންމައިފި

ގުޅުންހުރި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މައި މަގު ހެދުމަށްޓަކައި އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒްގެ ބައެއް ކޮޓަރިތައް ނަގަންޖެހޭތީ، އެ ބިން ހޯދުމަށް ކޯޓު މަރުހަލާއަށް ދިއުމުގެ މަސައްކަތް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ފަށައިފިއެވެ.

އޭއައިއޭއިން މިއަދު ނެރުނު ހަ ޞަފްޙާގެ ބަޔާނުގައި ބުނެފައިވަނީ، އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒާއި އެތަނާ އިންވެގެން ހުރި އެހެނިހެން އިމާރާތްތަކަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހަރުމުދަލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެތަން އެ ކުންފުންޏަށް އެންގުމަކާ ނުލައި އެހެން ފަރާތަކަށް ބަދަލުކުރެވިފައިވާ މައްސަލައަކީ 2013 ވަނަ އަހަރު ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ހިންގާފައިވާ މުޢާމަލާތްތަކެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިހާރު ދިމާވެފައިވާ މައްސަލައިގައި ހުސްނުކުރެވޭ ބިމަކީ، މީގެކުރިން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އެކު އީކުއޭޓާ ވިލެޖު ހިންގާ ކުންފުނި، ގޭން އިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ބިމެކެވެ. އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރު ހަދާފައިވާ، ގަން ބަލަހައްޓާ ޔުނިޓުގެ އިމާރާތް ހުރި މި ސަރަހައްދަކީ ހަތަރުހާސް އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެކެވެ. އެތަން ކުއްޔަށް ދީފައިވަނީ މަހަކު 40,000 ރުފިޔާއަށެވެ.

އޭއައިއޭއިން ބުނެފައިވާ ގޮތުގައި، ކުރިން ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، 2012 ވަނަ އަހަރު ކުލި ބޮޑުކޮށް އެއްބަސްވުން އާކުރަން ހުށަހެޅުމުން، އީކުއޭޓާ ވިލެޖުން ކުލި ބޮޑުނުކޮށް އެއްބަސްވުމުގެ މުއްދަތު 2017 ވަނަ އަހަރަށް އިތުރުކުރުމަށް އެދުނެވެ. އޭރު އެއާޕޯޓު ހިންގަމުން ދިޔަ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން އެކަމަށް އެއްބަސްވިއެވެ.

ނަމަވެސް އޭގެފަހުން ޓޫރިޒަމްގެ ޤާނޫނަށް ގެނެވުނު ބަދަލަކާ ގުޅިގެން، އެއީ ޓޫރިޒަމަށް ބޭނުންކުރާ ބިމެއް ކަމަށް ކަނޑައަޅައި، އެ ބިމުގެ ހުރިހާ ބާރެއް 2017 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވުނެވެ. އަދި އޭގެ ފަހުން ބިމާ ގުޅޭ ހުރިހާ މުޢާމަލާތްތަކެއް ހިންގާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އީކުއޭޓާ ވިލެޖާ ދެމެދުގައެވެ.

އޭއައިއޭއިން މިހާރު ބުނެފައިވަނީ، މި މައްސަލައިގައި ޤާނޫނީ ލަފާ ހޯދުމަށްފަހު ޝަރީޢަތް މެދުވެރިކޮށް މައްސަލަ ޙައްލުކުރުމާމެދު ގޮތެއް ނިންމުމަށް އެ ކުންފުނީގެ ބޯޑަށް ހުށަހެޅުމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

އޭއައިއޭއިން އިތުރަށް ފާހަގަކޮށްފައިވަނީ، "މި މަސައްކަތް ހުއްޓާލައިފިނަމަ ޕްރޮޖެކްޓްގައި ޑިޒައިންކޮށް ތަރައްޤީ ކުރަމުންދާ ނަރުދަމާއާއި ފެނުގެ ނިޒާމް އަދި މަގު ބައްތިތަކަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތްތަކަށް ވެސް ހުރަސްއެޅިގެންދާނެ" ކަމަށެވެ. އަދި "މިކަންތައްތައް ފުރިހަމަ ނުކުރެވިއްޖެނަމަ ޕްރޮޖެކްޓްގައި ތަރައްޤީކުރެވޭ އެއްވެސް އިމާރާތެއްގެ ބޭނުން ނުކުރެވޭނެ" ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފައިވާގޮތުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓާމެދު އައްޑޫ ސިޓީއާއި ދެކުނުގެ ރައްޔިތުން ގެންގުޅޭ ތަޞައްވުރާއި އުންމީދުތަކަށް އިޙްތިރާމްކޮށް، ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމުމަށް ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ބޭނުންވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އެއާޕޯޓު ޕްރޮޖެކްޓަށް ބޭނުންވާ ބިންތައް ހުސްކުރުމަށް، ސަރުކާރުގެ ބައެއް އޮފީސްތައް ހިންގި އިމާރާތްތައް ހުސްކުރެވިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އޭގެތެރޭގައި ފެނަކަ އޮފީހާއި ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން އެމްއެންޑީއެފްއާއި އެ ސަރަހައްދުގައި ހިންގި ރެސްޓޯރަންޓެއްވެސް ހިމެނެއެވެ.

އޭއައިއޭއިން ބުނެފައިވާގޮތުގައި، އެ ކުންފުނިން ބެލިބެލުމުން އީކުއޭޓާ ވިލެޖުން ހުސްކުރަންޖެހެނީ އެ ކުންފުނީގެ ސްޓާފުން ބޭނުންކުރާ ދެތިން ކޮޓަރި ކަމަށާއި، އެ ކޮޓަރިތައް ހުސްކުރުމަށްފަހު އެ ސަރަހައްދުން އެ ކޮޓަރިތަކަށްވާ ޖާގައަށް ބިންދޭން ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގެ މެދުން މަގު ހެދިކަމުގައިވިޔަސް، ދެފަރާތަށް ވަދެނިކުތުމަށް ދަތިނުވާނެގޮތަށް އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް މެއި 22، 2023 ގައި ބޭއްވުނު ބައްދަލުވުމެއްގައި އެއްބަސްވެފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އީކުއޭޓާ ވިލެޖުން މިއަދު ނެރުނު ބަޔާނުގައި، މަގު ހަދާ ސަރަހައްދުގައި ބަދިގެއާއި ސްޓާފް މެސް، ލޯންޑްރީ، ގަރާޖު، ސްޓާފް ރެކްރިއޭޝަން އޭރިއާ، ސްކްވޮޝް ކޯޓު ހިމެނޭކަމަށް ބުނެފައިވިޔަސް، އޭއައިއޭއިން ބުނެފައިވަނީ އެތަނުން އެއްވެސް އިމާރާތެއް މަގު ހެދުމަށް ނަގަން ނުޖެހޭނެ ކަމަށެވެ. ސްކްވޮޝް ކޯޓެއް ހުރިކަމަށް ބުނެފައިވިޔަސް، އެތަން އީކުއޭޓާ ވިލެޖުން ބޭނުންކުރަމުންދަނީ ގުދަނެއްގެ ގޮތުގައި ކަމަށްވެސް އޭއައިއޭއިން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ޙައްލުކުރުމަށް މިދިޔަ ދެއަހަރު ވެސް މަޝްވަރާތައް ކުރެވިފައިވީނަމަވެސް، އަދިވެސް ޙައްލެއް ލިބިފައިނުވެއެވެ. އެނގިފައިވާގޮތުގައި ޙައްލެއް ނުލިބިފައިވަނީ، ކައިމޫއިން ބަދަލުގެ ގޮތުގައި ހުށަހަޅާ ކަންކަމަށް ޓޫރިޒަމް މިނިސްޓްރީއަށް އެއްބަސްވުމަކާ ހަމައަށް ނާދެވޭތީއެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ، މިކަމާ ގުޅޭގޮތުން މިމަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމިއްޖެނަމަ، އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރާނެ ކަމަށެވެ. ސަބަބަކީ ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު، އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭންޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ