ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، އެ ދަރިވަރުން ކިޔަވަމުންދާ ޤައުމުތަކަށް ޚާއްޞަކޮށްގެން ވަޓްސްއަޕް ބިޒްނަސް ނަންބަރުތަކެއް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ ގާތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅު ދައްކަވަމުން މިކަން ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ވީވަރަކުން އެ ޤައުމުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ޙާލު ބައްލަވައި، އެކުދިންގެ ކަންބޮޑުވުންތަކާއި ދަތިތައް އަޑުއައްސަވައެވެ.
ސަރުކާރުގެ ލޯން ސްކީމްގެ ދަށުން ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންގެ މައިގަނޑު ޝަކުވާއަކީ އެކުދިންގެ މެއިލްތަކަށް ޖަވާބު ދިނުން ލަސްވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ބައެއް ދަރިވަރުން ޝަކުވާކުރާ ގޮތުގައި ސްޓައިޕެންޑާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ ޓިއުޝަން ފީ ލިބުމުގައި ލަސްވާކަމަށް ރައީސް ވިދާޅުވިއެވެ.
ދަރިވަރުންގެ މުވާސަލާތީ މައްސަލަތައް ޙައްލުކުރުމަކީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރުގެ ޒިންމާއެއްކަމަށާއި، ފައިސާ ދޫކުރުމުގެ މައްސަލައަކީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާއި ފިނޭންސް މިނިސްޓަރުގެ ކޯޑިނޭޝަނާއެކު ކުރެވޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަން ޙައްލުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައިކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއިން ބޭރުގައި ދިވެހި ދަރިވަރުން ކިޔަވަމުންދާ ގާތްގަނޑަކަށް ދިހަވަރަކަށް ޤައުމަށް ޚާއްޞަކޮށްގެން ވަޓްސްއަޕް ބިޒްނަސް ނަންބަރުތަކެއް ހަމަޖައްސަވާނެކަމަށާއި، އެ ނަންބަރުތައް މެނޭޖްކުރާނެ ޚާއްޞަ މުވައްޒަފުން ވެސް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ. މި މެކޭނިޒަމް ރޭވުމުގެ ޒިންމާ މިހާރު ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާ ހަވާލުކުރައްވާފައިކަމަށް ރައީސް ވިދާޅުވިއެވެ.