އައްޑޫގެ ތަރައްގީއަށް އެއްބާރުލުން ދޭނަން: ކައިމޫ

އައްޑޫގެ ތަރައްގީއަށް އެއްބާރުލުން ދޭނަން: ކައިމޫ

ގުޅުންހުރި

އައްޑޫގެ ތަރައްގީއަށް ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސާވިސަސް އިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ނަމަވެސް، ކައިމޫއިން އައްޑޫ ގަމުގައި ހިންގާ އީކުއޭޓާ ވިލެޖުގެ އިމާރާތެއް، ގަން އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގައި ބޭނުންކުރާ ސަރަހައްދުގެ އިމުގެ ތެރޭ ހުރުމާއި އެ އިމާރާތް އީކުއޭޓާ ވިލެޖުން ނުނަގާތީ އެކަމާ އައްޑޫ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގެ ބޭނުމަށް އެކި ފަހަރު މަތިން އެދިގެން ވެސް އީކުއޭޓާ ވިލެޖުން އެ އިމާރާތް ހުސްކޮށްފައި ނުވާތީ، ސިޓީ ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުނިން ވެސް އެކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިކަމާ ގުޅިގެން ކައިމޫ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން އީކުއޭޓަ ވިލެޖު ހިންގާތާ 20 އަހަރު ވެއްޖެ ކަމަށާއި އައްޑުއަށް އަންނަ ތަރައްގީއާއި ކުރިއެރުމުގެ ފައިދާ އެ ރިސޯޓަށް ވެސް ކުރާނެ ކަމަށެވެ.

ކައިމޫއިން ނެރުނު ބަޔާނުގައި އީކުއޭޓާ ވިލެޖް ހިންގަމުން އަންނަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ ސައްހަ އެއްބަސްވުމެއްގެ ދަށުންކަން ފާހަގަކޮށްފައިވެއެވެ. އެއްބަސްވުމުގައި ހިމެނެނީ ރިސޯޓުގެ މުޅި ގޯތިތެރެ ކަމަށާއި އޭގެ ތެރޭގައި އާ މަގު ހެދުމަށް ރޭވިފައިވާ ސަރަހައްދާ އިންވެގެން ހުރި ބައެއް ސަރަހައްދުތައް ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ކައިމޫގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ސަރަހައްދުގައި ހުރީ ވަރަށް މުހިންމު އަދި އަސާސީ ވަސީލަތްތަކާއި ޚިދުމަތްތައް ކަމަށެވެ. މީގެ ތެރޭގައި ބަދިގެއާއި މުވައްޒަފުންގެ އެކޮމޮޑޭޝަން، މުވައްޒަފުންގެ މެސް، ރިސޯޓުގެ ލޯންޑްރީ، ގަރާޖުގެ އިތުރުން މުވައްޒަފުންގެ މުނިފޫހިފިލުވުމުގެ ސަރަހައްދާއި ގެސްޓުންނަށް ޚާއްޞަ ސްކުއަޝް ކޯޓެއް ހިމެނޭ ކަމަށާއި މި ހުރިހާ ތަނަކީ ވެސް ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަންތަން ކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން ކައިމޫއިން ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު އައްޑޫގެ ތަރައްގީއާއި ރިސޯޓުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް މަޝްވަރާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޓޫރިޒަމް މިނިސްޓްރީއާ އެކު ގާތުން މަސައްކަތްކޮށް، މައްސަލައަށް އެކަށޭނަ ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އެއާޕޯޓުގެ ތަރައްގީގެ މަސައްކަތުގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް ބޭނުންކުރާ އެ ސަރަހައްދަކީ އައްޑޫ އެއާޕޯޓުގެ ބައެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން ވެސް އެ އިމާރާތް ހުސްކުރުމަށް އީކުއޭޓާ ވިލެޖުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެހެންކަމުން އެއާޕޯޓުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް އެ ސަރަހައްދު ހަވާލުކުރެވިފައިނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ