ޑަބަލް ޕެންޝަންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ފަށައިފި

ޑަބަލް ޕެންޝަންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ފަށައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޕެންޝަނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ ހުށަހެޅުމަކަށް ފަހުގައެވެ.

ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި، ޕެންޝަން ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ އެކަކަށް ދެ ޕެންޝަން ދިނުން ނުވަތަ "ޑަބަލް ޕެންޝަން"ގެ މައްސަލައެވެ. އަދި މި މައްސަލަ ދިމާވަނީ ސިވިލް ސަރވިސް ޤާނޫނާއި ޕެންޝަނާ ބެހޭ ޤާނޫނުގައި ފުށުއަރާ ކަންތައްތައް ހުރުމުގެ ސަބަބުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، ސިވިލް ސާވިސް ޤާނޫނުގައި ރިޓަޔަމަންޓް ޕެންޝަން ދިނުމާބެހޭ ޚާއްޞަ ޤާނޫނެއް ހެދުމާ ހަމައަށް ޕެންޝަން ދެވޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޕެންޝަނާބެހޭ ޤާނޫނަކީ އެ ޤާނޫނުކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުނުކުރާ ކަމަށް އިދާރާތަކުން މަޢުލޫމާތު ދެއްވާކަމަށެވެ. މީގެ އިތުރުން، އެ ދެ ޤާނޫނުގެ އިތުރުންވެސް ފަހުން އުފެދުނު ބައެއް ޤާނޫނުތަކުގައި ސިވިލް ސަރވިސް ޤާނޫނުގައިވާގޮތަށް ޕެންޝަންދޭން ހިމަނާފައިވާ ކަމަށާއި، މީގެ ސަބަބުންވެސް ޑަބަލް ޕެންޝަންގެ މައްސަލަ ދިމާވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މި މައްސަލައިގެ ސަބަބުން ޑަބަލް ޕެންޝަން ދޭންޖެހި، ޕެންޝަނަށް ދައުލަތުން ޚަރަދުކުރާވަރު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީން ނިންމަވާފައިވަނީ އަންނަ ހަފުތާއިން ފެށިގެން ޕެންޝަނުގައި ހުރި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ފެށުމަށެވެ. މި މަސައްކަތުގެ ތެރެއިން ޕެންޝަނާ ގުޅުންހުރި ޤާނޫނުތަކުގައި ހުރި ފުށުއެރުންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ