މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކުރުމަށް ހިޔާލު ހޯދަނީ

މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކުރުމަށް ހިޔާލު ހޯދަނީ

ގުޅުންހުރި

މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކުރުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމީ މިއަދު ބޭއްވި މާލޭ ކައުންސިލުގެ ބައްދަލުވުމުގައެވެ.

މިގޮތުން، މާލެ ސަރަހައްދުގައި އެންމެ ގިނަވެގެން ބޭނުންކުރެވޭނެ އުޅަނދުތަކާ ބެހޭ ގޮތުން އިސްލާމިކް ޔުނިވަސިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓު މާދަމާ އާންމުކޮށް، އާންމުންގެ ހިޔާލު ހޯދުމަށް ދެ ހަފްތާގެ މުއްދަތު ދިނުމަށް ވަނީ ނިންމާފައެވެ.

ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހްގެ ވާހަކަފުޅުގައި، އިސްލާމިކް ޔުނިވަސިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މާލޭ ސަރަހައްދުގައި މިހާރު ދުއްވާ އުޅަނދުތަކުގެ އަދަދު %25 އަށް ދަށްކުރަންޖެހޭ ކަމަށް ބުނެފައިވާކަން ފާހަގަކުރެއްވިއެވެ.

މިހާރު މާލޭ ސަރަހައްދުގައި 199,472 އުޅަނދު ދުއްވާއިރު، މާލޭ ސަރަހައްދުގެ މަގުތަކާއި އެހެނިހެން ވަސީލަތްތައް ހުރި ގޮތުން މި ސަރަހައްދަށް އެކަށީގެންވަނީ 89,000 އުޅަނދު ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާކަން ސައިފް ފާހަގަކުރެއްވިއެވެ.

ސައިފް ފާތިހްގެ ވާހަކަފުޅުގައި، ކުއްލިއަކަށް އެފަދަ ބޮޑު އަދަދަކަށް އުޅަނދުތައް މަދުކޮށްފިނަމަ، އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަމާއި، މާލޭ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ނިޒާމު އެހާ ތަރައްޤީވެފައި ނެތުމާއެކު، އާންމުންގެ ވިސްނުމާއެކު މިކަން ކުރިއަށް ގެންދާނެ ޕްލޭނެއް އެކުލަވާލަން ޖެހޭކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމްވެސް ވިދާޅުވެފައިވަނީ މިކަން ކުރާނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭކަމަށް އޭނާއަށްވެސް ގަބޫލުކުރެވޭ ކަމަށާއި، އާންމުންގެ ހިޔާލަށް ހުޅުވާލުމުން، އެކަމުގައި ކުރިއަށް ދާންވީ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ފަސޭހަވާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި އެންމެ ގިނަވެގެން ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދުތަކެއް ކަނޑައަޅައި، އުޅަނދުތަކުގެ އަދަދު މަދުކުރުމުގެ ބޭނުމަކީ މިހާރު މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ޕާކިން މައްސަލަތައް ހައްލުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ