އިގިރޭސިވިލާތް، ޔޫރަޕްގެ އިއްތިހާދުން ވަކިވާން ތައްޔާރު ވަމުންދާއިރު، ޔޫރަޕްގެ ރައްޔިތެއްގެ ގޮތުގައި ހުންނަން ބޭނުންވާތީ، އިގިރޭސިވިލާތުގެ މިހާރުގެ ބޮޑުރުވަޒީރު ބޮރިސް ޖޯންސަންގެ ބައްޕާފުޅު، ފްރާންސްގެ ރައްޔިތުކަން ހޯއްދެވުމަށް ހުށަހަޅުއްވައިފިއެވެ.
ބޮރިސް ޖޯންސަންގެ ބައްޕާފުޅު ސްޓޭންލީ ޖޯންސަން ވިދާޅުވިގޮތުގައި، އޭނާ މިހަރު ގެންދަވަނީ، ކުރިން އޮތް އޭނާގެ ފްރާންސްގެ ރައްޔިތުކަން އަލުން އިއާދަކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
"މިއީ ފްރާންސްގެ ރައްޔިތަކަށް އަލުން ވުމާއިގުޅޭ ސުވާލެއް ނޫން. އަހަރެން ދެކޭ ގޮތުގައި އަހަރެންނަކީ ފްރާންސްގެ މީހެއް. އަހަރެންގެ މަންމަ އުފަން ވެފައިވަނީ ފްރާންސަށް. މަންމަގެ މަންމަވެސް، އަދި މަންމަގެ ކާފަވެސް އުފަންވީ ފްރާންސަށް،" އިގިރޭސި މީޑިއާކަށް މައުލޫމާތު ދެއްވަމުން ސްޓޭންލީ ވިދާޅުވިއެވެ. "އެހެންކަމުން އަހަރެން ދެކޭގޮތުގައި މިއީ، ކުރިންވެސް އަހަރެން އަތުގަ އޮތް އެއްޗެއް އަލުން ހޯދުމަށް ކުރާ ކަމެއް."
އިގިރޭސި ބޮޑުވަޒީރު ބޮރިން ޖޯންސަންގެ ބައްޕަ، 80 އަކީ، ޔޫރަޕިއަން ޕާލަމެންޓްގެ ކުރީގެ މެމްބަރެކެވެ. އަދި 2016 ވަނަ އަހަރު، އިގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުގައި ދެމި އޮންނާނީތޯ ބެލުމަށް ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުގައި އޭނާ ތާއީދު ކުރައްވާފައި ވަނީވެސް، އިގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުގައި ދެމިއޮތުމަށެވެ.
އެހެންނަަމަވެސް، އޭނާގެ ދަރިފުޅު، ބޮރިސް ޖޯންސަން އިގިރޭސި ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށްފަހު، ޔޫރަޕްގެ އިއްތިހާދުން އިގިރޭސިވިލާތް ވަކިވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ފަހުން އޭނާ ވަނީ ތާޢީދު ކުރައްވާފައެވެ.
މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން، ޔޫރަޕްގެ އިގްތިސާދީ އިހުތިސާސްގެ ތެރެއިން އިގިރޭސިވިލާތް ވަކިވާ ހިސާބުންފެށިގެން، ޔޫރަޕްގެ 27 ގައުމުގައި، ވިސާނެތި ދިރިއުޅުމާއި އަދި މަސައްކަތް ކުރުމުގެ ހައްގު އިގިރޭސި ރައްޔިތުންނަށް ގެއްލިގެން ދާނެއެވެ. އެހެންނަމަވެސް ޑުއަލް ސިޓިޒަންޝިޕް (އިގިރޭސިވިލާތާއި ޔޫރަޕް އެހެންގައުމެއްގެ ރައްޔިތުކަން) އޮންނަ ފަރާތްތަކަށް މިހައްގު ގެއްލިގެން ނުދާނެއެވެ.
"އަހަރެން އަބަދުވެސް ހުންނާނީ ޔޫރަޕްގެ ރައްޔިތެއްގެ ގޮތުގައި. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" ސްޓޭންލީ ޖޯންސަން ވިދާޅުވިއެވެ. "އިގިރޭސި ރައްޔިތަކަށް، އެއްވެސް ހާލެއްގައި ނުބުނެވޭނެ، 'އޭނާއަކީ ޔޫރަޕްގެ ރައްޔިތެއް ނޫން' ކަމަށް، އެއީ ޔޫރަޕިއަން ޔޫނިއަންއަށްވުރެ މާމުހިންމު ތަނެއް، އެއީ އެންމެން ހިއްސާކުރާ އެއް މާރުކޭޓަކަށްވުރެ މުހިންމު ތަނެއް. އެހްނަމަވެސް، ރަގަޅު ވާހަކައެއް، އެތަން ޔޫރަޕިއަން ޔޫނިއަންގެ ގޮތުގައި އޮތުމަކީވެސް މުހިންމު ކަމެއް" ޔޫރަޕަކީ އަމިއްލަ ގައުމުފަދަ ތަކެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ