ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފެތުރުމުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ހުށަހެޅި މައްސަލަ ތަޙުޤީޤު ނުކުރެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު އަންގައިފިއެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުން މިއަދު ހާމަކުރި ގޮތުގައި، އަޒްމިރަލްދާ ހުށަހެޅުއްވި ދެ މައްސަލައަކީވެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލައެއް ނޫންކަމަށް ފުލުހުން ވަނީ އަންގާފައެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ މި މައްސަލަތަކުގައި ޖިނާއީ ކުށުގެ ޢަމަލެއް ހިންގާފައިވާކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބެއް ނެތްކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ފަނޑިޔާރު އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، އޭސީސީއިން އެއްވެސް ތަޙުޤީޤެއް ފަށާފައި ނުވަނީސް، އަޒްމިރަލްދާގެ މައްޗަށް ތަޙުޤީޤެއް ކުރަމުންދާކަމަށް ބުނެ ޝާމިލް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ޖޭއެސްސީ) ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މީގެއިތުރުން ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލައެއްވެސް ޝާމިލްގެ މައްޗަށް ތަޙުޤީޤުކޮށްދިނުމަށް އެދިފައިވެއެވެ.
މަޖިލިސް މެންބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިޞްލާޙު ބާޠިލްކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނިކޮށް، ފަނޑިޔާރު އަޒްމިރަލްދާ ހިމެނޭގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ވަނީ ސަސްޕެންޑް ކުރެވިފައެވެ. މި ސަސްޕެންޝަނަކީ އޭސީސީއިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން އެޅުނު ފިޔަވަޅެއްކަމަށް ބުނެވުނު ނަމަވެސް، މިއަދާ ހަމައަށްވެސް އެއީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅުމުންވެސް، ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތާއި ގުޅިގެން އޭސީސީއިން ތަޙުޤީޤުކުރަމުންދާ މައްސަލައިގެ ތަފްޞީލު ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާ ވަނީ ޝާމިލް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައި ދޮގު މަޢުލޫމާތު ފެތުރުމުގެ ތުހުމަތުގައި އޭސީސީއަށްވެސް މިދިޔަ މަހު މައްސަލަ ހުށަހަޅުއްވާފައެވެ. އޭސީސީއިން މިހާރުވަނީ އެ މައްސަލަ ބަލައިގަނެފައެވެ.