އައްޑޫ ސިޓީގެ ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސްކޯޕަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމި ނިންމުން މުރާޖަޢާކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި، އެ ބިން ކޮންޓްރެކްޓަރާ ޙަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، ދައުލަތަށް މާލީގޮތުން ގެއްލުން ވެދާނެތީ ހަދަމުން އަންނަ މަގު ވަކި ހިސާބަކަށް ހުއްޓާލުމަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަން އެއަރޕޯޓް މަޝްރޫޢަކީ މުޅި ދެކުނުގެ އަތޮޅުތައް ބައިނަލްއަޤްވާމީ އުދުހުންތަކާ ގުޅުވާލަދީ، އައްޑު އަދި ދެކުނުގެ އެންމެހައި އަތޮޅުތަކުގެ ޓޫރިޒަމާއި އިޤްތިޞާދު ކުރިއެރުވުމަށް ޒަމާނުއްސުރެ އެކިއެކި ފަރާތްތަކުން ކުރަމުން އައި މަސައްކަތްތަކުގެ ފޮނި ނަތީޖާއެއްކަމަށެވެ. މީގެއިތުރުން އައްޑޫ އަދި ދެކުނުގެ އެންމެހައި އަތޮޅުތައް ބައިނަލްއަޤްވާމީ މަސްރަޙުގައި ޓޫރިޒަމްގެ ދާއިރާއިން ވިދާލާތަން ދެކެން ކެތްމަދުވެފައި ތިބި އައްޑޫގެ ލޮބުވެރި ރައްޔިތުންގެ ފޮނި އުންމީދުތަކާއި ހުވަފެންތައް އެކަމާއި ގުޅި ލާމެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ކައުންސިލުގެ ބަޔާނުގައި "އައްޑޫގެ ތަރައްޤީގެ މައި ނާރެހަކީ ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުކަމުގައި އެންމެހައި ލޮބުވެރި ރައްޔިތުން ވެސް ޤަބޫލުކުރާނެކަން އެނގޭޙާލު، ހަމައެކަނި ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ޞުލްޙަވެރިކޮށް ވާހަކަ ދައްކައިގެން ޙައްލު ކުރެވެން އޮތް ކުޑަ މައްސަލައެއް ޙައްލުނުކުރުވުމަކީ ނުހަނު ހިތާމަހުރި ކަމެއް" ކަމުގައި ބުނެފައިވެއެވެ.
މީގެއިތުރުން ކައުންސިލާއި އައްޑޫ އެއަރޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއްނެތި މިފަދައިން މަޝްރޫޢުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރަން ނިންމި ނިންމުމަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި، މިނިވަން ދިމިޤްރާޠީ މުޖުތަމަޢުތަކުން ޢަމަލުކުރާ އުޞޫލުތަކާ ނުބައްދަލު، އަދި މުޅި ދެކުނުގެ ރައްޔިތުންގެ ޙައްޤު ގެއްލޭ ގޮތަށް ނިންމަވާފައިވާ ނިންމުމެއްކަން ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ މި މަޝްރޫޢުގެ ސްކޯޕަށް ބަދަލު ގެނައުމަށް ނިންމި ނިންމެވުން މުރާޖަޢާކޮށްދެއްވުމަށް އައްޑޫ ސިޓީގެ މޭޔަރު، ޑެޕިއުޓީ މޭޔަރު، ކައުންސިލަރުން އަދި ރައްޔިތުންގެ ނަމުގައި ސަރުކާރަށް އިލްތިމާސްކޮށްފައެވެ.