އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރިގޮތުގައި މާލޭގެ މަގުތަކުގައި އުޅޭ ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގާއިމުކޮށްފައިވާ "އޮޅު ހިޔާ" ފެސިލިޓީގައި މިހާރު ޖުމްލަ 30 ބުޅާ ބަލަހައްޓަމުން ގެންދެއެވެ.
މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން، މިދިޔަ އީދު ބަންދުގައި އިތުރު 15 ބުޅާ އެ ފެސިލިޓީއަށް ގެންގޮސްފައިވެއެވެ. އަދި ފެސިލިޓީއަށް މަދުވާ ސާމާނުތަކާއި ބުޅާ ބަހައްޓާނެ ކޮށިތައް ރަނގަޅުކޮށް، އިތުރަށް ބުޅާ ގެނައުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އޮޅު ހިޔާއަކީ މި ސަރުކާރުގެ "ހަފްތާ 14″ ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެއް ފުރިހަމަކުރުމުގެ ގޮތުން ގާއިމުކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ.
މި ފެސިލިޓީ ރަސްމީކޮށް ހުޅުވައިދެއްވީ މިދިޔަ ނޮވެންބަރުމަހުގެ ދެވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
ކޮމެންޓު ފޮނުވާ