ޢުމްރާވެރިން ރާއްޖެ އައުމާއެކު ރޯގާއެއްޖެހި ހާލަތު ގޯސްވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

ޢުމްރާވެރިން ރާއްޖެ އައުމާއެކު ރޯގާއެއްޖެހި ހާލަތު ގޯސްވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

ގުޅުންހުރި

ޢުމްރާގެ އަޅުކަން އަދާކޮށްގެން އަންނަ ފަރާތްތަކަށް ރޯގާއެއް ޖެހި އޭގެ ޙާލަތު ގޯސްވެއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޙައްޖު ކޯޕަރޭޝަންގެ ދަށުން 577 ދިވެހިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައިވެއެވެ. މީގެ އިތުރުން، އަމިއްލަ ކުންފުނިތަކުގެ އިންތިޒާމުގައި ވެސް ގިނަ ބަޔަކު ޢުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކޮށްފައިވާކަން އެނގެއެވެ. އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޢުމްރާވެރިން ރާއްޖެ އަންނަން ފަށާފައިވަނީ މިހާރުއެވެ.

އެޗްޕީއޭއިން ދެއްވި އިރުޝާދުގައި، ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުމާއި، ނޭވާލުމުގެ ދަތިކަމާއި، މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފާހަގަވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އަންގާފައިވެއެވެ. މީގެ އިތުރުން، ރޯގާ ނޫން އެހެނިހެން ބަލިތަކުގެ އަލާމާތްތައް ވެސް ފެނިއްޖެނަމަ، ޞިއްޙީ އެހީތެރިކަން ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ ޖެހިގެން ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށާއި، ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު އެތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް އިރުޝާދު ދެއްވާފައެވެ. އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ހުމާއި އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ގޭގައި ތިބެގެން ކުރެވިދާނެ ފަރުވާތަކުގެ ތެރޭގައި ގިނަގިނައިން ދިޔާތަކެތި ބުއިމާއި، އަރާމުކުރުމާއި، ހުން ގަދަވެފައިވާނަމަ ގައިގައި ފެން އުނގުޅުން ހިމެނެއެވެ. އަދި ޑޮކްޓަރަކާ މަޝްވަރާ ނުކޮށް ޕެރެސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދިންގޮތުގައި، ޢުމްރާގެ އަޅުކަން އަދާކޮށް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 4، 5 އަދި 7 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ