ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ޝައުޤުވެރިކަން ފާޅުކުރައްވައިފިއެވެ. ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެމްޑީޕީގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.
"މި ފުރަތަމަ ފިޔަވަޅު އަޅުގަނޑު އަޅާއިރު، ތިފަރާތުގެ އެހީތެރިކަމާއި އެއްބާރުލުމަށް އަޅުގަނޑު ބޭނުންވޭ" ޑރ. ޝަމްހީދު ވިދާޅުވިއެވެ. މި ކަމާ ގުޅިގެން ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ޑރ. ޝަމްހީދު ވަނީ ރާވާފައެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ހިމެނިވަޑައިގަންނަވާކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްވެސް ވަނީ މީގެ ހަތަރު މަސް ކުރިން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި މާލޭގެ މޭޔަރު އާދަމް ޢާޒިމްވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. މި ފަރާތްތަކުން ވެސް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަން ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ.
އެހެންމެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތްކުރައްވާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.