ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ ތަޙްޤީޤު ކުރަން ފަށާފައެވެ.
އެންއައިސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރޭ 21:12 ގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރިކަމުގެ މަޢުލޫމާތު އެ ކޮމިޝަނަށް ލިބުމާ ގުޅިގެން، މި މައްސަލަ ތަޙްޤީޤުކުރުމަށް އެ ކޮމިޝަންގެ ކުއްލި ޙާލަތްތަކުގައި އިޖާބަދޭ ޓީމު ވަނީ ހަރަކާތްތެރިވަން ފަށާފައެވެ.
އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިވަގުތު އޭނާއަށް ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާއަކީ މަސްތުގެ ޙާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުން ދީ، ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެކެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޙާދިސާ ތަޙްޤީޤުކުރުމަށްޓަކައި ފުލުހުންގެ މޭޖަރ ކްރައިމްސް ޑިޕާޓްމަންޓުގެ ފުލުހުންގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން، ޙާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަޙްޤީޤެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ޓީމުންވެސް ވަނީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަން ފަށާފައެވެ.