ކ. ގުޅީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރޭ ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޭ އެރަށުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލްގެ އިތުރުން، އެމްޓީސީސީ އާއި ގުޅީގެ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 10.15 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއި 88 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި މަޝްރޫޢުގެ އަގަކީ 63.89 މިލިއަން ރުފިޔާއެވެ.
ގުޅީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގެ މާރިޗް މަހުގެ 20 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެއެވެ.
ގުޅީ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ އެމްޑީ އަޙްމަދު ސައުދީ ވިދާޅުވީ މޫސުން ގޯސްވެ މަސައްކަތް ހުއްޓާލަން ނުޖެހި ކުރިއަށްދާނަމަ، ބިން ހިއްކުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި އެއާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށް ސައުދީ ވިދާޅުވިއެވެ.
814 މީހުންގެ އާބާދީއެއް އޮންނަ މާލެ އަތޮޅު ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަނަމަވެސް ވަރަށް ރީތި ހިތްގައިމު ރަށެކެވެ. އެރަށަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެގޮތުން އެރަށުގައި މިހާރުވެސް 15 ވަރަކަށް ގެސްޓްހައުސް ހިންގަމުން ގެންދެއެވެ. އޭގެ ތެރޭގައި އެކި ފަންތީގެ މީހުންނަށް ޚާއްޞަކުރެވިފައިވާ ގެސްޓްހައުސްތައް ހިމެނެއެވެ.