ރައީސް އެންފީލްޑަށް ވަޑައިގަތުމަކީ ލިބުނު ބޮޑު އުފަލެއް: ކުރީގެ ތަރި އިއާން

ރައީސް އެންފީލްޑަށް ވަޑައިގަތުމަކީ ލިބުނު ބޮޑު އުފަލެއް: ކުރީގެ ތަރި އިއާން

ގުޅުންހުރި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންފީލްޑަށް ވަޑައިގަތުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ކަމަށް ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ކުރީގެ ތަރި އިއާން ރަޝް ވިދާޅުވެއްޖެއެވެ. އިންސްޓަގްރާމްގައި ޕޯސްޓެއް ކުރައްވައި، އިއާން ރަޝް ވިދާޅުވެފައިވަނީ މި ގުޅުމަކީ ހަމައެކަނި ފަތުރުވެރިކަމާ ގުޅުން ހުރި ކަމެއް ނޫންކަމަށެވެ.

"200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާއި، ފާއިތުވި ސީޒަންގައި 12 ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ ލިވަޕޫލް އެފްސީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭނުންނާ ގުޅުން ބަދަހިކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ކްލަބެއް" ކަމަށް އިއާން ވިދާޅުވިއެވެ. އިއާން އިތުރަށް ވިދާޅުވެފައިވަނީ މި ގުޅުމަކީ ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ދެފަރާތުގެ އެއްބާރުލުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

ވިޒިޓް މޯލްޑިވްސްއިން ކަނޑުގެ މާހައުލު ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިސްކަންދޭ ކަން ފާހަގަކުރައްވައި، އިއާން ވިދާޅުވިގޮތުގައި އެއީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކަށް ހުށަހެޅިފައިވާ ރާއްޖެ ފަދަ ޤައުމަކަށް ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމާއި ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ލިވަޕޫލުން އެއްބާރުލުންދީ އެކުގައި މަސައްކަތްކުރާނެ ކަމަށާއި، އެކަމުގައި އެ ކުލަބުގެ ސަސްޓެއިނިބިލިޓީ ޕްރޮގުރާމުތައް ބޭނުންކުރާނެ ކަމަށް އިއާން ވިދާޅުވިއެވެ.

ލިވަރޕޫލް އެފް.ސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކީ އެމް.އެމް.ޕީ.އާރް.ސީ/ ވިޒިޓް މޯލްޑިވްސް ކަމަށް، ނިމިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ވަނީ އިޢުލާންކޮށްފައެވެ. މި ޕާޓްނަރޝިޕުގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤުވާމީ ކެމްޕެއިނެއް ކުރިއަށްގެންދާނެއެވެ. އެލް.އެފް.ސީ އާ އެކު ޤާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފައެވެ.

ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ ޢަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެއެވެ. މީގެ އިތުރުން، ޕްރިމިއަރ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، އެލް.އެފް.ސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ