ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން އެ ގައުމުގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ވަކިކޮށްފިއެވެ. މިއީ ޑިސެމްބަރު މަހު އެގައުމުގެ ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަށް ރަސްމީކޮށް ތާއީދުކުރި ކުރުމެކެވެ. އެއާއެކު ޑިސެމްބަރު މަހު މާޝަލް ގާނޫނު އިއުލާނުކުރުމާގުޅިގެން ދިގު މުއްދަތަކަށް ދެމިގެންދިޔަ ސިޔާސީ ހަލަބޮލިކަމާއި ގާނޫނީ ހުސްކަން ނިމުމަކަށް އައިސްފައިވެއެވެ.
މި ނިންމުމާއެކު ޔޫން ވަގުތުން މަގާމުން ވަކިވާންޖެހޭނެއެވެ. އަދި އޭނާ ދިރިއުޅެމުންދާ ރިޔާސީ ގެކޮޅުން ނުކުންނަން ޖެހޭނެއެވެ. މީގެއިތުރުން އާ ރައީސަކު ހޮވުމަށް އިންތިޚާބެއް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ.
ދެކުނު ކޮރެއާގެ މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަނީ ލޮޅުމެއް އައިސްފައެވެ. އެމެރިކާގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން މިކަން ހިނގަނީ ޚާއްޞަކޮށް ޑޮނަލްޑް ޓްރަމްޕްގެ "އެމެރިކާ ފަސްޓް" އެޖެންޑާ މެދުވެރިކޮށް ޒަމާންވީ ޚާރިޖީ ސިޔާސަތުގެ އުސޫލުތަކާއި ދުނިޔޭގެ ވިޔަފާރީގެ ނިޒާމު ބަދަލުވަމުންދާ ދަނޑިވަޅެއްގައެވެ.
ދުސްތޫރީ ކޯޓުގެ އަށް ފަނޑިޔާރުންގެ އިއްތިފާޤުން ޔޫން އަޒުލުކުރުމަށް މަޖިލީހުން ނިންމި ނިންމުން ދަމަހައްޓަން ނިންމާފައިވެއެވެ. ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި ޔޫން ވަނީ މާޝަލް ގާނޫނު އިއުލާނުކުރުމުގެ ރަސްމީ މަރުޙަލާތަކާ ހިލާފުވެފައެވެ. އަދި މަޖިލީހުގެ މެންބަރުން "ދަމައިގަންނަން" ސިފައިންނަށް އަމުރުކުރެއްވުމަށާއި ސިފައިން މަޖިލީހަށް ފޮނުވައިގެން ގަރާރު ހުއްޓުވަން މަސައްކަތްކުރެއްވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޙައްޤުތަކަށް އަރައިގެންފައިވެއެވެ.
ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ފަނޑިޔާރު ވިދާޅުވެފައިވަނީ ޔޫންގެ މި ޢަމަލަކީ "ރައްޔިތުންގެ އިތުބާރަށް ވަރަށް ބޮޑު ޚިޔާނާތްތެރިވުމެއް" ކަމަށެވެ. އަދި މާޝަލް ގާނޫނުގެ ގަރާރަކީ ޤާނޫނު އަސާސީއާ ޚިލާފު ގަރާރެއް ކަމަށާއި، އޭރު ގައުމީ ބޮޑު ކާރިސާއެއް ޤައުމުގައި ނެތްކަމަށާއި، ޔޫން އެކަން އިޢުލާނުކުރެއްވި ސަބަބުތައް ދިފާޢު ނުކުރެވޭނެކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.