އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އާއެކު މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަށައިފި

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އާއެކު މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަށައިފި

މި އަހަރު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާ އާއެކު މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަށައިފި އެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން, އެމްއެމްޕީއާރުސީއާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެމްއޭސީއެލް ގުޅިގެން ފަށާފައިވާ ލޯޔަލިޓީ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަދި ބޯޑަރ މައިލްސް ޕްރޮގުރާމުން ޕޮއިންޓް ލިބުނު ފުރަތަމަ ފަތުރުވެރިޔާއަކީ ޖަރުމަނަށް ނިސްބަތްވާ ޔޯޚެން ޕޯލް ކާކް އެވެ. މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާގެ ލަޤަބު ލިބުމާއި ގުޅިގެން އޭނާ ބުނީ، މީގެކުރިންވެސް އޭނާ ވަރަށް ގިނަ ފަހަރު ރާއްޖެ އައިސްފައިވާކަމަށެވެ. ކޯވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއިއެކު ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަމަށާއި ރާއްޖެ އައުމުން އިތުރަށް އެކަން އިޙްސާސްކުރެވޭކަމަށެވެ. ޔޯޚެން ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު އެވެ. ދެ ހަފްތާގެ މުއްދަތަށް އެމީހުން ޗުއްޓީ ހޭދަކުރާނީ ބަންޔަން ޓްރީ ވައްބިންފަރު ރިސޯޓުގަ އެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާކިޔުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޔޯޚެން އަށް ވަނީ މޯލްޑިވްސް ބޯޑާ މައިލްސްގެ ބްރައުންޒް (އައިދަ) މެމްބަޝިޕު ދީފަ އެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ އިން ވަނީ އޭނާ އަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހޮލިޑޭ ޕެކޭޖެއް ދީފަ އެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމްގެ މެމްބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ހުޅުވާލާފައި ވާއިރު، މި ޕްރޮގްރާމުގެ ބައިވެރިންނަށް ޕޮއިންޓް ލިބޭނީ، ފަތުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށް ބަލައިފަ އެވެ. މީގެ އިތުރުން ހާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތައް މި ޕްރޮގްރާމުގައި ލިބޭއިރު، ޕްރޮގްރާމު ބަހާލާފައި ވަނީ 3 ދަރަޖަ އަކަށެވެ. އެއީ އައިދަ (ބްރައުންޒް)، އަންތަރަ (ރިހި) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ.

އިމިގްރޭޝަނުން ބުނީ އައިދަ ދަރަޖައަށް ދެވޭނީ 500 ޕޮއިންޓް ހޯދައިގެންކަމަށެވެ. އަންތަރާ އަށް ދިއުމަށް 2000 ޕޮއިންޓް ހޯދަންޖެހޭއިރު، އަބާރަނައަށް ދިއުމަށް ހޯދަންޖެހޭނީ 4000 ޕޮއިންޓެވެ. އަންތަރަ އަދި އަބާރަނަ އަށް އާދެވުމުން ފަތުރުވެރިންނަށް އިމިޤްރޭޝަންގެ ކައުންޓަރުތަކުގައި މަޑުކުރަންނުޖެހި ފަސޭހަކަމާއިއެކު އިމިޤްރޭޝަން ކްލިއަރެންސް ހެދޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *