ގދ. ހޯނޑެއްދޫގެ އެކިތަންތަނުގައި އަލިފާން ރޯކޮށް، ހުޅުޖެހުން އާންމުވެފައިވާތީ އެ ކަމާ ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ރަށު ކައުންސިލުން ދީފި އެވެ.
މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހޯނޑެއްދޫ ކައުންސިލުން އިއްޔެ ވަނީ އިއުލާނެއް ނެރެފައެވެ. ކައުންސިލުން ބުނެފައިވަނީ ރަށުގެ އެކިތަންތަނުގައި އަލިފާން ރޯކުރަމުންދާ މައްސަލަ މިހާރު އާންމު ކަމަކަށްވެފައިވާ ކަމަށެވެ. އެހެންކަމުން، އެކަން އެގޮތަށް ނުކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ "މިކަމަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ އަމަލެއްކަމާއި އަދި މިކަމުގެ ސަބަބުން ދަނޑުބިންތަކާއި ރައްޔިތުންގެ ރުއްގަހާއި މުދަލަށް ބޮޑެތިގެއްލުން ތަކެއް ލިބިގެންދިއުމުގެ ފުރުސަތު އޮތް ކަމެއްކަމުގައި ދެކެމެވެ."
ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަލިފާން ރޯކޮށް، އެ އަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވައްޓެރިންނަށް އުނދަގޫވާ ގޮތަށް އަލިފާން ރޯކުރުމަކީ އާންމު އުނދަގުލާބެހޭ ގަވައުދުގެ ދަށުން ވެސް މަނާ ކަމެކެވެ.
"ގަވާއިދާ ހިލާފަށް އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތި، އާންމު ތަންތާގައި އަލިފާން ރޯކުރުމަކީ މަނާކަމެއްކަމުގައި ވާތީ، މިއަދުން ފެށިގެން ހޯނޑެއްދޫގެ އެއްވެސް ތަނެއްގައި އިސްވެ ހަވާލާދީފައިވާ ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު އެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ" ކަމަށް ކައުންސިލުން ބުނެފައިވެއެވެ.