މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކްލަބް ލިވަޕޫލް އެފްސީ އާ ދެމެދު ވެފައިވާ ޕާޓްނަޝިޕް އެއްބަސްވުމުގެ ދަށުން ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕޭން ފަށައިފިއެވެ. މި ކެމްޕޭން ފެށުމަށް ބޭއްވުނު ފުޓުބޯޅަ މެޗު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްލަވާލައްވާފައެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އަދި ލިވަޕޫލް ބައްދަލުކުރި މެޗުގައި، އެމްއެމްޕީއާރުސީ އާއި ލިވަޕޫލް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކޯ-ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ކެމްޕޭން ރަސްމީކޮށް ފެށިފައިވެއެވެ. ނިމިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކީ އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް ކަމުގައި އިޢުލާންކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީ އާއި ލިވަޕޫލްގެ މި ކެމްޕޭންގެ ސަބަބުން، ބްރޭންޑް ވާޞިލުވާ މިންވަރު އިތުރުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، އަދި ދިވެހިރާއްޖެއަށް މުހިންމު އިޤްތިޞާދީ މަންފާތައް ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މި ޕާޓްނަރޝިޕްގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤްވާމީ ކެމްޕޭނެއް ކުރިއަށް ގެންދެވޭނެއެވެ.
މީގެއިތުރުން، މާރިޗު މަހުގެ 27 ވަނަ ދުވަހު، މި އެއްބަސްވުމުގެ ދަށުން ވިޒިޓް މޯލްޑިވްސްއިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕޭނެއް ފަށާފައެވެ. ތިން މަސްދުވަހުގެ މި ކެމްޕޭންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތުގެ ތެރޭގައި ލަންޑަންގެ 100 ޓެކްސީ، ބަސްތައް، ލަންޑަން އަންޑަރގްރައުންޑް، ވައިގެ ބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް އިޝްތިހާރުކުރުން ހިމެނެއެވެ.
އެންފީލްޑްގައި ޕްރިމިއަރ ލީގް މެޗުތައް ކުޅޭއިރު، ސްޓޭޑިއަމްގައި ލެޑް ސައިނޭޖްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކޮށް، ލިވަޕޫލްގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤްވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާނެއެވެ.
މި ކެމްޕޭން ލޯންޗުކުރުމަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރަފީޢު، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.