އިނގިރޭސިވިލާތުގެ ބޮޑު ފުޓްބޯޅަ ކުލަބެއް ކަމަށްވާ ލިވަޕޫލާއިއެކު ދިވެހިރާއްޖެއިން ކުރިއަށްގެންދާ ތިން އަހަރާއި ހަމަސްދުވަހުގެ ޓޫރިޒަމް ޕާޓްނަޝިޕް ކެމްޕޭން މިރޭ ފެށިއްޖެއެވެ. ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުނު މި ކެމްޕޭންގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޕާޓްނަޝިޕްގެ ދަށުން، ލިވަޕޫލްގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާންތަކާއި ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ބެހެއްޓުމާއި، ލިވަޕޫލްގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ރާއްޖެ ޕްރޮމޯޓްކުރުން ހިމެނެއެވެ. މީގެއިތުރުން، ޔޫރަޕްގެ މުހިންމު މާކެޓުތަކުގައި ޓޫރިސްޓުންނަށް އަމާޒުކޮށްގެން ބިލްބޯޑުތަކުގައި ރާއްޖެ ދައްކާލާނެއެވެ. ލިވަޕޫލް އެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުންނާއި ކޮންމެ ސީޒަނަކަށް 211 މިލިއަނަށްވުރެ ގިނަ ޓީވީ ބަލާ މީހުން ހިމެނޭއިރު، 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ތިބިކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ ކުޅުންތެރިންނާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. އަދި އިނގިރޭސިވިލާތުގެ ޓެކްސީތަކާއި ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާނެއެވެ. މީގެއިތުރުން، ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ޤާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާކުރުމާއި ޑެސްޓިނޭޝަން ބްރޭންޑިން އިތުރުކުރުން ފަދަ ކަންކަން ވެސް ކުރިއަށްގެންދާނެއެވެ.
އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި މި ކެމްޕޭންގެ ސަބަބުން ރާއްޖެއަށް އައު 100،000 ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، 2.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ކުރިއަށްގެންދާ މި ކެމްޕޭނުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ. މި ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށާއި އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ކެމްޕޭން ފެށުމަށް ރައީސް ކުރައްވާ ދަތުރުފުޅުގައި، ލިވަޕޫލް އެކަޑަމީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެއާއި ލިވަޕޫލް ކްލަބާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ހިންގާނެ ޖޮއިންޓް މާކެޓިންގ އިނީޝިއޭޓިވްސްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.