"ރާއްޖޭގައި ސިނގިރޭޓް ވިޔަފާރިކުރުމުގައި އިސްކޮށް އުޅެނީ އިދިކޮޅު ފިކުރުގެ މީހުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އެކަން ސިޔާސީކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ސިނގިރޭޓް ވިއްކުމުގައި އުޅެނީ ކޮން ބައެއްތޯ ބަލާލިއިރު، އެކަމުގައި އުޅެނީ ސަރުކާރާއި އިދިކޮޅު ފިކުރުގެ މީހުންކަން އެނގިފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ސިޔާސީ މުޒާހަރާތަކަށް ފައިސާ ދޭކަމަށްވެސް ރައީސް ތުހުމަތުކުރެއްވިއެވެ. "އެމީހުން އެބަ މުޒާހަރާތަކަށްވެސް އެބަ އެހީދޭ. ދެން އަޅުގަނޑަށް މައުލޫމާތު ލިބޭނެ ނޫންތޯ. އެމީހުން ބޭނުންވާނީ މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނޫންތޯ" މިހެން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާ ފަރާތްތަކަށް ރައީސް މުޢިއްޒު ގޮވާލައްވާފައިވަނީ އެވިޔަފާރި ހުއްޓާލައި އެހެން ދާއިރާއަކަށް އެނބުރުމަށެވެ. ރައީސް ވިދާޅުވެފައިވަނީ ހަމައެކަނި ޓެކްސް ބޮޑުކުރުމަކުން ސިނގިރޭޓް ބޭނުންކުރާ މީހުން މަދުނުކުރެވޭނެ ކަމަށެވެ. ޓެކްސް ބޮޑުކުރާ ކޮންމެ ފަހަރަކު ވިޔަފާރިވެރިންނަށް ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު ލިބިގެންދާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން މިކަމެއް ނުވާނެ. އޭރުން ސިނގިރޭޓް އެތެރެކުރާ މީހުންނަށް އެލިބެނީ ފުރުސަތެއް. އެމީހުން އެތަންކޮޅު އެޖަސްޓް ކޮށްގެން ހަމަ ވިއްކަމުންދާން." މިހެން ރައީސް ވިދާޅުވަމުން، ސިނގިރޭޓުގެ ވިޔަފާރިކުރާ ފަރާތްތަކުން އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. "މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ ހަޤީޤަތުގައި، ދެން މީ ކުޑަކުޑަ ޤައުމެއް މިއީ މިލިއަނުން މިލިއަނުން މީހުން ދިރިއުޅޭ ތަނެއް ނޫން. ކީއްކުރަން މިތާ އެކަން ކުރަންވީކީ، އަޅުގަނޑުމެންގެ މުޖުތަމައު ސަލާމަތް ކުރިއްޔާ މާ ރަނގަޅެއްނު މިކަމުން" ރައީސް މުޢިއްޒު ވިދާޅުވިއެވެ.