މިއަހަރުވެސް އެންމެ އިސްކަން ދޭނީ ރައީސް ޔާމީން މިނިވަންކުރުމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މީލާދީ އާއަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ނަމުގައި، ކޯލިޝަންގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރިސްކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު މިސަރުކާރުން ސިޔާސީ ޙުކުމެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ދިވެހި ޤައުމުގެ ތަރައްޤީގެ ބާނީ ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް ކޯލިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރިއަހަރެއްކަމަށެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
އިރާދަކުރެއްވިއްޔާ މިފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް. އަދި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެއް.
– އިދިކޮޅު ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ 2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔެއަށާއި މުޅި ދިވެހިރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރެއް ކަމުގައެވެ. ކޯވިޑް 19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު، މިހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެން ދިޔައީ މިސަރުކާރުގެ ނާގާބިލްކަމާއި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިދިކޮޅު ބަޔާނުގައި ވެއެވެ.
މުޅި ނިޒާމު ކޮރަޕްޝަންގެ ހާއްޔަކަށްވެ، ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެން ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށް، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ހިންގުމުގެ ސަބަބުން، ދިވެހި އެތަކެއް ޒުވާނުންގެ ވަޒީފާގެއްލި ނިކަމެތިން އިތުރަށް ނިކަމެތިވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ދިރިއުޅުމުގެ ޙާލަތުމިވަނީ ދަށަށްގޮސްފަ.
– އިދިކޮޅު ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުން ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއްކުރުމަށާއި، ވެފައިވާ ވަޢުދުތައް ފުއްދުމަށް މިސަރުކާރަށް ގޮވާލާފައެވެ. އަދި ބޮއްސުންލާފައިވާ ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށްދިނުމަށާއި، ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ އަޑުއަހާ އެކަންކަން ވީ އެންމެ އަވަހަށް ޙައްލުކޮށްދިނުމަށްވެސް ވަނީ ގޮވާލާފަވެ.
ކޮމެންޓު ފޮނުވާ