މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 70،000 އިން މައްޗަށް އަރައިފިކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާޗު މަހުގެ 26 ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 70،797 އަށް އަރާފައިވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 593،956 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅައިބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ. އެހެނީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 570،898 ފަތުރުވެރިންނެވެ.
ހާމަކުރެވުނު ތަފާސްހިސާބުތަކުން އެނގޭގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ވަނީ ރަޝިޔާއެވެ. އެޤައުމުން 63،241 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ތިންވަނައިގައި އިނގިރޭސިވިލާތް 60،872 ފަތުރުވެރިންނާއެކު އޮތްއިރު، ހަތަރުވަނައިގައި އޮތް އިޓަލީއިން 55،377 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިވަގުތު ރާއްޖޭގައި 179 ރިސޯޓު ހިންގަމުންދާއިރު، އޭގެއިތުރުން 15 ހޮޓަލާއި، 838 ފަތުރުވެހިގެ އިތުރުން 157 ސަފާރީ އުޅަނދު ވެސް ދަނީ ހިންގަމުންނެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނާގޮތުގައި މިއަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.