ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. އޮންލައިންކޮށް ސޮއިކުރެވޭ މި ޕެޓިޝަންގައި ގޮވާލާފައި ވަނީ މެންބަރުންނަށް ދޭ ބޮޑު މުސާރަ އާއި އެހެން އިނާޔަތްތަކާ ހުރެ އިގްތިސޯދަށް އޮތް ގޮންޖެހުން ކުޑަކުރުމަށް އެ އިނާޔަތްތައް ކުޑަކުރުމަށެވެ.
މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނުގައި މަޖިލިސް މެންބަރުންނަށް ދޭ ކޮމެޓީ އެލަވެންސް އެއްކޮށް ކަނޑާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. އަދި މެންބަރުންނަށް ލިބޭ ޕްރިމިއަމް ހެލްތު އިންޝުއަރެންސް ކަނޑާލައި އާންމު ރައްޔިތުންނެކޭ އެއްހަމައަކުން އާސަންދައިގެ ހިދުމަތް ދިނުމަށާއި، ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ހުއްޓާލުމަށް ވެސް މި ޕެޓިޝަނުގައި ގޮވާލާފައިވެއެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރުން ކުރާ މަސައްކަތްތަކާ އެ ބޭފުޅުންނަށް ލިބޭ އާމްދަނީ ނުބައްދަލެވެ. އަދި މެންބަރުންގެ އާމްދަނީ އާންމު އެހެން ރައްޔިތުންނަށް އެވްރެޖުކޮށް ލިބޭ އާމްދަނީއާ ނުބައްދަލުކަން ފާހަގަކޮށް، އިގްތިސޯދަށް ދަތި ދުވަސްވަރެއްގައި މިއީ ތަފާތުކުރުން ބޮޑު، ބޭއިންސާފެއް ކަމަށް ބުނެފައިވެއެވެ.
މަޖިލީހުގެ މެންބަރެއްގެ މުސާރަ އާއި އެލަވަންސުގެ ގޮތުގައި މަހަކު 85،000ރ. ލިބެ އެވެ. މެންބަރުންގެ މުސާރަ އާ ގުޅޭގޮތުން މިދިޔަ ޖުލައި މަހު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސެއްގައި ގިނަ މެންބަރުން ބުނެފައިވަނީ މިހާރު ލިބޭ މުސާރަ އާއި އިނާޔަތައް ވެސް ކުޑަ ކަމަށެވެ.