ޖުލައި މަހު ބޯޑަރު އަލުން ހުޅުވިފައިވަނީ މަޖިލީހުގެ މަސައްކަތުން: ރައީސް ނަޝީދު

ޖުލައި މަހު ބޯޑަރު އަލުން ހުޅުވިފައިވަނީ މަޖިލީހުގެ މަސައްކަތުން: ރައީސް ނަޝީދު

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 01:41
0

ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ޖުލައި މަހު ހުޅުވައި ފަތުރުވެރިން އަލުން ފެށުމަށް މަޖިލީހުން ކުރެވިގެންދިޔަ މަަސައްކަތްތަކާއިމެދު ނުހަނު ހިންހަމަ ޖެހޭ ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2021 ވަނަ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވިގެންދިޔައީ ރައްޔިތުންގެ މަޖިލީހުން ސަރުކާރާއެކު ކުރި މަސައްކަތުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެން ޤައުމުތަކަށް ވުރެ ކުރިން ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވާލުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމަށާއި،  ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދާ ކުރިއެރުމަކީ އެގޭ ނަތީޖާކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވިނަމަ  މިއަދުގެ ޙާލަތު މިހާރަށްވުރެ މާބޮޑަށްވެސް ނިކަމެތިވާނެކަމަށެެވެ.

2020 ވަނަ އަހަރަކީ ގިނަ މީހުން ހަނދާންކުރަން ބޭނުންވާނެ އަހަރަކަށް ނުވި ނަމަވެސް، އައު އަހަރު ބައްދަލު މިކުރަނީ އުންމީދުތަކަކާއެކުގައިކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ކޯވިޑް-19 ގެ ވެކްސިން ހަލުވިކަމާއެކު ލިބި، މި ނުރައްކާތެރި ވައިރަހުން އެއްކޮށް ސަލާމަތްވާނެކަމުގެ އުންމީދުތަކާ އެކުގައިކަމަށެވެ. ވެކްސިން ލިބުނުހާ އެންމެ އަވަހަކަށް ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް މަޖިލިސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން، ނިމިގެން މިދާ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ސްޕީޑާއި މަސައްކަތުގެ ފުރިހަމަކަމާމެދު ވަރަށް ހިތްހަމަޖެހޭކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، މުހިންމު ބިލުތަކެއް ފާސްކުރެވިފައިވާކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފުޅާވެ، މިހާރު ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ޙިމާޔަތްކޮށް، ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީކޮށް، ޤައުމީ މުހިންމު މައްސަލަތަކުގައި ބަހުސްކޮށް، ޤައުމުގެ ކުރިމަގަށް ބޭނުންވާ މުހިންމު ޤާނޫނުތައް ފާސްކުރަމުންދާ ދައުލަތުގެ މުހިންމު ގުނަވަނެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކުރާ ޚަރަދުތަކާއި ހިލޭ އެހީއާއި ފައިނޭންޝަލް އޮޑިޓްތައް ތައްޔާރުކުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި،
ރައްޔިތުންގެ މަޖިލީހުންކުރި ބުރަ މަސައްކަތުން، ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދުތަކަށް ފާރަވެރިވެވުނުކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.