ރޯދަމަހުގެ ކުރީކޮޅު، ވީނުވީއެއް ނޭނގިގެން އާއިލާއިން ފޮޓޯ ޖަހައި ހޯދަން ފުލުހުން މެދުވެރިކޮށް އިއުލާންކޮށްފައިވާ ނ. މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު (37 އ) މިހާރުވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވިފައެވެ.
މިމަހުގެ 8 ވަނަ ދުވަހުގެ 16:51 ގައި ފެށިގެން ގެއްލި، އެއްވެސް ހަބަރެއް ނުވާތީ، މިމަހުގެ 10 ވަނަ ދުވަހުގެ 20:05 ގައި އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެމުން ބުނެފައިވަނީ ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި، އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޝިހާދު އޭގެފަހުން ފެނުނުކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި މި ހަފްތާގައި އޭނާވަނީ ހައްޔަރުކުރެވިފައެވެ. އިއްޔެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެވުނު ޝިހާދުގެ މައްޗަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ކަނޑައަޅާފައެވެ.