ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި 14 ތަނެއް ފުލުހުން މި އަހަރު ބަންދުކޮށްފައިވާކަމަށް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، އަޙުމަދު ނާއިފް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވިގޮތުގައި މި އަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރި 14 ތަނެއް ބަންދުކޮށްފައިވާއިރު، މި ވަގުތުވެސް މާލޭގައި އެފަދަ ހަ ތަނެއް ހިންގަމުންދެއެވެ. އެ ތަންތަން ބަންދުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ނާއިފްގެ ވާހަކަފުޅުގައި، މާލެއިން އެ ފަދަ 60 އަށްވުރެ ގިނަ ތަނެއް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ބަންދުކުރެވުނު ތަންތަނުގެ ތެރޭގައި ހ. ކޯލީފްލާވާ، ހ. އެމިނިޓީ، ގ. ޑްރޫޕް، މ. މާމުޓާ، މ. ފެންނިރު، ގ. ހިލާލް، ގ. ފްރެސްލައިޓް، އެސްޓީއޯ އަޙުމަދީ ބިލްޑިން، މ. ނަފީސާ މަންޒިލް، ގ. ސެންޓުގެއާގެ، މ. ރޯޝަނީމަންޒިލް، މ. ރޫބީ، މ. ތަންތާރަ އަދި މ. އޯކިޑުހައުސް ހުޅަނގުބައި ހިމެނެއެވެ.
އެފަދަ ތަންތަން ބަންދުކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި، ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ މީހާ ދެނެގަތުމުގައި ހުރި ދަތިތަކާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތް ގޮތްކަމަށް ނާއިފް ފާހަގަކުރައްވާފައިވެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާކަން ނާއިފް ވިދާޅުވިއެވެ. އޭގެތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
އިތުރުން، ނާއިފް ވަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. މިގޮތުން، އާއިލީ މީހަކު ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާނަމަ އެފަރާތެއް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި، ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ. އަދި ކުއްޔަށް ދީފައިވާ ތަންތަނުގައި މިފަދަ ޢަމަލެއް ހިންގާކަން ފާހަގަވާނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ޤާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަންވެސް ނާއިފް ފާހަގަކުރައްވާފައިވެއެވެ.