ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގައި ބައިވެރިވުމުގެ މުއްދަތު އެޕްރީލް 15 އަށް އިތުރުކޮށްފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގައި ބައިވެރިވުމުގެ މުއްދަތު އެޕްރީލް 15 އަށް އިތުރުކޮށްފި

ގުޅުންހުރި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން ބައިވެރިވުމުގެ މުއްދަތު އެޕްރީލް މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. ކުރިން މި މަޢުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 31ވަނަ ދުވަސްކަމަށް ކަނޑައަޅާފައިވިއެވެ.

ބީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މުއްދަތު އިތުރުކޮށްފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައާއި ޢީދު ޗުއްޓީއާ ދިމާކޮށް ސަރުކާރު ބަންދުވުމާ ގުޅިގެން ގިނަ ފަރާތްތަކުން އާއިލީ ޗުއްޓީއަށް ދިއުމުން، މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ހުޅުވާލުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވޭ މި މަޢުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބާއްވާ މަޢުރަޒެކެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދާއެކު މަޢުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބީސީސީންނެވެ.

ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ރަޖިސްޓްރީކުރެވޭނެ އިންތިޒާމުތަކެއް ބީސީސީން ހަމަޖައްސާފައިވެއެވެ. މިގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމާއި، މަޢުރަޒަށް ޚާއްޞަކުރެވިފައިވާ www.expo.mv ވެބްސައިޓް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މީގެއިތުރުން ބީސީސީގެ ހެޑް އޮފީހުންނާއި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރުތަކަށް ފޯމު ހުށަހެޅުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ކުރިން ހަމަޖެހިފައިވާ އުސޫލުތަކަށްވެސް ބީސީސީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 15 ބާވަތެއްގެ އުފެއްދުންތަކެއް ކަމުގައި ކަނޑައަޅާފައިވީނަމަވެސް، މިހާރު ކޮންމެ ބައިވެރިއަކަށްވެސް ބޭނުންވާ ޢަދަދަކަށް އުފެއްދުންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

މެއި މަހުގެ 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒުކަމަށް ބީސީސީން ފާހަގަކޮށްފައިވެއެވެ. މި މަޢުރަޒުގައި ރާއްޖޭގެ ފަންނުވެރިންގެ ހުނަރު ތަރައްޤީކޮށް ޕްރޮމޯޓްކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ޤައުމީ ރޫޙެއްގައި ބާއްވާ މި މަޢުރަޒަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަޢުވަތު ފޯރުކޮށްދިނުމަށް "ބިލެތާ ދިއުން" ގެ ނަމުގައި ޚާއްޞަ ހަރަކާތެއްވެސް ބީސީސީން ވަނީ ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ